ފިރިމީހާ ގޭގަ ނޫޅޭ ވަޤުތު ފިރިމީހާ ހޯދަން ގެއަށް އަންނަ ފިރިމީހާގެ ފިރިހެން އެކުވެރިންނަށްވުރެ އަނބިން ސްމާޓްވާން އެބަޖެހޭ! އޮތީ ނުވެއްދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ފިރިމީހާ ގޭގަ ނޫޅޭ ވަޤުތު ފިރިމީހާ ހޯދަން ގެއަށް އަންނަ ފިރިމީހާގެ ފިރިހެން އެކުވެރިންނަށްވުރެ އަނބިން ސްމާޓްވާން އެބަޖެހޭ! އޮތީ ނުވެއްދުން!

އެއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 6 މަހެވެ. ދިރިއުޅެނީ ދެމަފިރިން އެކަނި ފްލެޓެއްގައެވެ. އެއްދުވަހަކު ފިރިމީހާގެ އެކުވެރި ފިރިހެނަކު އައިސް ބެލްޖެހުމުން ދޮރުހުޅުވީމައި އެދުނީ ގެއަށް ވެއްދުމަށެވެ. ވަރަށް އަވަހަށް ފިރިމީހާ ގެއަށް އަންނާނެކަމަށާއި ބޭނުންވަނީ އަންނަންދެން މަޑުކޮށްލަން ކަމަށެވެ.  

އަޅުގަނޑު އެކަމަށް ދެކޮޅުހެދީމެވެ. ބުނީމެވެ. "ތިއައީ ދެއެކުވެރިންކަންވެސް އެނގެއެވެ. ނަމަވެސް ފިރިމީހާ ގޭގައި ނެތި ހިނދުކޮޅަކަށްވެސް ނުވެއްދޭނެއެވެ. ފިރިމީހާ އާއިއެކު ނޫނޫނީ ފިރިމީހާ އައުމުން އަންނާށެވެ!" 

އޭނާގެ ވާހަކަ ދިގުވާން ފެށުމުން މާފަށް އެދިފައި ދޮރުލައްޕާފައި ވަނީއެވެ. ފިރިމީހާ ގެއަށް އައީ ގަޑިއެއްހައިއިރު ފަހުންނެވެ. އައުމުން ކަންތައްވީގޮތް ކިޔައިދިނީމެވެ. ފިރިމީހާ އަޑުއަހަންއިނީ ޙައިރާންކަމާއިއެކުގައެވެ. ބުންޏެވެ. "އޭނާ ގެއަށް އަންނަކަމެއް ނުއެނގެއެވެ. ނުވެސް ގުޅައެވެ. އަހުރެން ހޯދަން ބޭނުންވެގެން އުޅޭނަމަ ނުގުޅައި އެއައީ ކީއްވެގެން ހެއްޔެވެ؟" އެހިސާބުން އެވާހަކަ ނިންމައިލީއެވެ.  

އެއިގެ ދެތިން ދުވަސްފަހުން ބުނީ "އެއީ އަނބިމީހާ އިމްތިޙާންކޮށްލަން ކުރިކަމެއް" ކަމަށް އެކުވެރިޔާ ބުނިކަމަށެވެ. އަހުރެން ބުނީމެވެ. "ގެއަށް ވެއްދިނަމަ އަހުރެންގެ ގައަށް އަރައިގެންފައިވެސް ބުނީހީ އެއީވެސް އިމްތިޙާންކުރުން ކަމަށްތާއެވެ!" 

މިޙާދިސާއިން ޢިބްރަތް ލިބިގަންނާށެވެ! މިޒަމާނުގައި މިފަދަ އެކުވެރިން ވަރަށް ގިނައެވެ. ނަމަނަމަ އަނބިން އެކަނި ތިބެ ގެއަށް ނުވައްދާށެވެ! އެގޮތަށް ގެއަށް އައުމަކީ ރަނގަޅު އެކުވެރިން ކުރާނެ ކަމެއް ނޫނެވެ. އަނބިމީހާ ސްމާޓްވެ ގެއަށް ނުވެއްދީމާ އެހެދީ ކުރި އިމްތިޙާނަކަށެވެ. އެއިމްތިޙާންކުރަން އޭނާގެ ގާތުގައި ބުނީ ކާކުހެއްޔެވެ؟  

މިއީ ފިރިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އަނބިމީހާ އެކަނި ހޭގައި އުޅެނިކޮށް އެކުވެރިން ގެއަށް ނުފޮނުވާށެވެ! ކަންކަން ގޯސްވީމާ އަނބިން ކުށްވެރިކުރަން ނުހަދާށެވެ!

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން