ހެޔޮލަފާ އަނބިން ފާޚާނާގެ ފެންމާގަނޑު ދޫކޮށްލައިގެން ތިބެ ރޮނީ ޚަރަދުނުކުރާތީއެއް ނޫން! ފައިދާކުރާނީ އެކަން އަވަހަށް އިޞްލާޙްކޮށްލީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހެޔޮލަފާ އަނބިން ފާޚާނާގެ ފެންމާގަނޑު ދޫކޮށްލައިގެން ތިބެ ރޮނީ ޚަރަދުނުކުރާތީއެއް ނޫން! ފައިދާކުރާނީ އެކަން އަވަހަށް އިޞްލާޙްކޮށްލީމަ!

އަހުރެން ބުނާނީ މިމައްސަލަ ކުރިމަތިނުވާ ގެތައް މަދުވެއްޖެކަމަށެވެ. މިބުނަނީ އަނބިމީހާގެ ރުއިމުގެ އަޑުނުއިއްވަންވެގެން ފާޚާނާއަށްވަދެ ފެންމާގަނޑުދޫކޮށްލައިގެން އެއިގެދަށުގައި ހުރެ ގިސްލާރުއިމުގެ ވާހަކައެވެ.  

ހެޔޮލަފާ އަނބިންނަށް މިމައްސަލަ ކުރިމަތިވަނީ ފިރިމީހާ ޚަރަދުނުކުރާތީއެއް ނޫނެވެ. އިންނާނެ ތަނެއް ނުދައްކާތީއެއްވެސް ނޫނެވެ. ކައިވެނިކުރަނީ އޭޓީއެމް މެޝިނަކާއިކަމަށްނުވާތީއެވެ. މިހެން މިބުނަނީ އެކައުންޓުގައި ފައިސާށާހުރިނަމަ އޭޓީއެމް މެޝިނަށް ކާޑުޖަހައިގެން ކިތަންމެ ބައިވަރު ފައިށާއެއްވެސް ނެގިދާނެއެވެ. އެހެން ބޭނުމެއް ނުހިފޭނެއެވެ.  

މިބުނަނީ މެޝިނުން ފައިސާ ލިބުނުނަމަވެސް ލޯބި ނުލިބޭނެ ވާހަކައެވެ. އަޅައިލުން ނުލިބޭނެ ވާހަކައެވެ. މިހެން ބުނަން މިޖެހެނީ ތަނަވަސްކަން ހުންނަ މީހުން ކައިވެނިކުރުމަށްފަހު އޭޓީއެމް މެޝިނަކަށް ބަދަލުވާތީއެވެ. އަނބިމީހާއަށް ޚަރަދުކުރެއެވެ. އެކަމަކު ލޯތްބާއި އަޅައިލުމެއް ނުދެއެވެ. އެހެންވީމާ އޭޓީއެމް މެޝިނާއި އޭނާއާއި ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! އަނބިމީހާއަށް ޚަރަދުކުރުމާއި ބޯހިޔާވަހިކަންދިނުމަކީ ފިރިމީހާޢަށް ކުރަންޖެހޭނެ ކަމެކެވެ. އަހުރެން ބުނާނީ އެކަންކަމަށްވުރެވެސް މުހިންމީ ލޯތްބާއި އަޅައިލުން އަދި ވަޤުތު ދިނުން ކަމަށެވެ. ސަބަބަކީ އެކަންކަން ނުދީ ކިތަންމެ ގިނަ ފައިސާއެއް އަތަށް ދިންނަމަވެސް، ކިތަންމެ ބޮޑެތި ޚަރަދުތަކެއް ކުރިނަމަވެސް ހެޔޮލަފާ އަނބިންނަށް ހިތްހަމަޖެހުން ނުލިބޭނެތީއެވެ. ހިތްހަމަޖެހުން ނުލިބޭނަމަ ވަކިވެގެންދާނެތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް

މިއަދު އޮންލައިން