ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމްދީނުގައި އަހަރެމެންގެ ކޮންމެ ގުޅުމަކާއެކުވެސް ހައްޤުތަކަކާއި ވާޖިބުތަކެއް (މަސްއޫލިއްޔަތުތަކެއް) ކަނޑައެޅިފައިވުމެވެ.
އެހެންކަމުން ފިރިހެނެއްގެ ޙައިޘިއްޔަތުން، މިސާލަކަށް، އަހަރެންގެ އަނބިމީހާ އަހަރެންނަށް އަދާކުރަންޖެހޭ ވާޖިބުތަކެއްވާ ފަދައިން، އަހަރެންވެސް އަނބިމީހާއަށް އަދާކުރަންޖެހޭ ވާޖިބުތަކެއްވެއެވެ. އަދި މައިންބަފައިން އަހަރެންގެ މައްޗަށް އަދާކުރަންޖެހޭ ކަންކަންވާ ފަދައިން، އަހަރެންވެސް މައިންބަފައިންނަށް އަދާކުރަންޖެހޭ ވާޖިބުތަކެއްވެއެވެ. އަދި އެމީހުންގެ މައްޗަށް އަހަރެންނަށް ލިބިގެންވާ ހައްޤުތަކެއްވެސްވެއެވެ.
ދެން އޮތް އުޞޫލަކީ، އެއްވެސް ގުޅުމެއްގެ ހައްޤުތަކުގެ ސަބަބުން އެހެން އެއްވެސް މީހެއްގެ ހައްޤަކަށް އިންސާފުވެރިކަން ގެއްލި، އަނިޔާވެރިވުމަށް ފުރުޞަތު ދެވިގެން ނުވާނެކަމެވެ. ޚާއްޞަކޮށް އަހަރެމެން މި ދައްކަނީ ފިރިމީހާއާއި، އަނބިމީހާއާއި، އަދި ފިރިމީހާގެ އާއިލާއާ ގުޅޭގޮތުންނެވެ. ފިރިހެންދަރިއެއްގެ ޙައިޘިއްޔަތުން، އަހަރެންގެ މައިންބަފައިންނަށް ކިޔަމަންތެރިވުމާއި، އިޙްތިރާމްކުރުމާއި، އޯގާތެރިވުމާއި، އަދި އެމީހުން އެދޭ ކޮންމެ ކަމެއް ކޮށްދިނުމަކީ އަހަރެންގެ މައްޗަށް އޮތް ވާޖިބެކެވެ.
އެމީހުން (މައިންބަފައިން) އަހަރެންގެ ކިބައިން ﷲ އަށް އުރެދުމަށް އެދޭ ޙާލަތެއްގައި މެނުވީ (އެއީ އިސްލާމްދީނުގެ އިމުން ބޭރުވާ ކަމެއް ނޫންނަމަ)، އަހަރެން ކޮންމެ ކަމެއްގައިވެސް އެމީހުންނަށް ކިޔަމަންވާންޖެހޭނެއެވެ. އަދި އެކަމުގައި އަހަރެންގެ ހިތުގައި އެއްވެސް ޖެހިލުންވުމެއް އޮވެގެން ނުވާނެއެވެ. ނަމަވެސް، އަހަރެންގެ އަނބިމީހާ އެމީހުންނަށް (އަހަރެންގެ މައިންބަފައިންނަށް) އިޙްތިރާމާއި ރިވެތި އަޚްލާޤުން މުޢާމަލާތު ކުރެއެވެ. ނަމަވެސް، އޭނާ އެމީހުންނަށް ކިޔަމަންވާކަށް ނުޖެހެއެވެ.
އަދި އަހަރެންގެ އަނބިމީހާ އަހަރެންގެ މައިންބަފައިންނަށް ޚިދުމަތްކުރުމަށް އުއްމީދުކުރުމަކީ ޙަޤީޤަތުގައި އަނބިމީހާއަށް ދެވޭ އަނިޔާއެކެވެ. އޭނާ ޚިދުމަތްކުރަންޖެހެނީ އޭނާގެ އަމިއްލަ މައިންބަފައިންނަށެވެ. އޭނާގެ އަމިއްލަ މައިންބަފައިން ތިބެއެވެ. މިއީ އޭނާގެ މައިންބަފައިންނެއް ނޫނެވެ. މިއީ ތިބާގެ މައިންބަފައިންނެވެ.
ޙަޤީޤަތުގައި، ލޭގެ ގުޅުމާއި ކައިވެނީގެ ގުޅުމަކީ ތަފާތު ދެ ގުޅުމެކެވެ. އެހެންކަމުން ފިރިއެއްގެ ޙައިޘިއްޔަތުން، އަނބިމީހާ ތިބާގެ މައިންބަފައިންނަށް ޚިދުމަތްކުރާނެ ކަމަށް އުއްމީދުކުރުމަކީ އަނިޔާވެރިކަމުގެ ސިފައެކެވެ. އަދި މިއީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކުރައްވާފައިވާ ކަމެއް ނޫނެވެ. ޙަޤީޤަތުގައި، މިއީ އިސްލާމްދީން އެކަމަށް އެއްބާރުލުންދޭ ނުވަތަ އަމުރުކުރާ ކަމެއްވެސް ނޫނެވެ.
އެހެންކަމުން ބައެއް މީހުން ބުނެއެވެ؛ "ފިރިމީހާ ބުނާ ކޮންމެ އެއްޗަކަށް، ކޮންމެ ކަމެއްގައިވެސް ކިޔަމަންވާންޖެހޭނެއެވެ." މިއީވެސް މުޅިން ތެދެއް ނޫނެވެ. އަހަރެމެން އެއްވެސް އިންސާނަކު ބުނާ ކޮންމެ ކަމަކަށް، އެއްވެސް ޝަރުޠެއް ނެތި ކިޔަމަންވާކަށް ނުޖެހެއެވެ. އަހަރެންގެ މައިންބަފައިން ބުނާ ކޮންމެ ކަމަކަށްވެސް އަހަރެންނަކަށް ކިޔަމަންނުވެވޭނެއެވެ. އަހަރެންގެ ބައްޕަ، ރިބާ އެކުލެވޭ ކިޔަވާ ލޯނެއް ނެގުމަށް އަހަރެންގެ ކިބައިން އެދުނު ނަމަވެސް، އަހަރެން އެ ލޯނެއް ނުނަގާނެއެވެ. އަހަރެންނަކަށް އެކަމެއް ނުކުރެވޭނެއެވެ. އެއީ ﷲ އަށް އުރެދުމެކެވެ. އަހަރެން އެކަމެއް ނުކުރާނަމެވެ.
ޙަޤީޤަތުގައި، މައިންބަފައިންނަށް ކިޔަމަންތެރިވުން އޮންނަނީ ބުއްދިއާއި އިންސާފުގެ އިމުގެ ތެރޭގައެވެ. އަދި ޔަޤީނުންވެސް، އަހަރެމެން އެމީހުންގެ ބަހަށް ނުކިޔަމަންތެރިވާ ޙާލަތުގައިވެސް، އިޙްތިރާމުގެ އިމުން ބޭރުވެގެން ނުވާނެއެވެ.
- ޑރ. ނުޢްމާން ޢަލީ ޚާންގެ ދަރުސަކުން