ދަރިފުޅުގެ ކައިވެނި ސަލާމަތްކުރަން މިބައްޕަ ދިން މިނަޞީޙަތަކީ ފިރިންނަށް ޝެއާކޮށް ކޮންމެ ގޮތަކުން ނަމަވެސް އަޑުއިއްވަންވެސް ޖެހޭ އަގުބޮޑު ޖަވާހިރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ދަރިފުޅުގެ ކައިވެނި ސަލާމަތްކުރަން މިބައްޕަ ދިން މިނަޞީޙަތަކީ ފިރިންނަށް ޝެއާކޮށް ކޮންމެ ގޮތަކުން ނަމަވެސް އަޑުއިއްވަންވެސް ޖެހޭ އަގުބޮޑު ޖަވާހިރެއް!

ކައިވެންޏަށް 5 ވަނައަހަރު ވަރިކުރަން އުޅޭކަން އެނގުމުން އަނބިމީހާ ގުޅީ ބަފައިބެއަށެވެ. ކައިވެނި ދެމެހެއްޓޭނެ ގޮތަކަށް ދަރިފުޅަށް ނަޞީޙަތްދިނުން އެދިއެވެ.  

ބައްޕަ އެރޭ ގެއަށް އައިސް އަނބިމީހާ ވަރިކުރަން އުޅެނީ ކީއްވެގެންތޯ ސުވާލުކުރުމުން ފުރަތަމަވެސް އައީ ރުޅިއެވެ. ބުނީ މިހައި އަވަހަށް ފިތުނަ އުފެއްދީ ކަމަށެވެ. އަނބިމީހާ ބުނީ ބައްޕައަށް ގުޅީ ފިތުނަ އުފައްދަން ނޫންކަމަށާއި ލޯބިވާވަރުން ވަކިވާން ބޭނުންނުވާތީ ކަމަށެވެ.  

ދަރިފުޅު އޭނާގެ ޝަކުވާތައް ހުށަހެޅިއެވެ. "އަނބިމީހާއަސް އަދި އެންމެ 30 އަހަރެވެ. އެކަމަކު މިހާރުވެސް ޖަހަނީ މުސްކުޅިވައްތަރެވެ. އޮފީހުގައި އެކުގައި މަސައްކަތްކުރާ އެޢުމުރުގެ އަންހެންކުދިންގެ ރީތިކަން ދެކެން ދުވަސް ހޭދަކޮށްފައި ގެއަށް އައިސް އަނބިމީހާ ފެނުނީމާ ފޫހިވަނީއެވެ."  

* ދަރިފުޅު ދުވާލަކު ކިތައް ގަޑިއިރު މަސައްކަތްކުރަން ހެއްޔެވެ؟"

- 8 ގަޑިއިރުއެވެ.

* އަނބިމީހާ ދުވާލަކު ކިތައް ގަޑިއިރު މަސައްކަތްކުރޭ ހެއްޔެވެ؟

- ފަތިހުން ފެށިގެން ނިދަންވަންދެންނެވެ.

* ދަރިފުޅު ގޭގެ އެއްވެސް މަސައްކަތެއް ކުރަންހެއްޔެވެ؟

- ނުކުރަމެވެ! އެއީ އަނބިމީހާ ކުރަންޖެހޭ ކަންކަން ނޫން ހެއްޔެވެ؟

* ހުކުރު ދުވަހު ކުރަނީ ކޮންކަމެއް ހެއްޔެވެ؟

- އަރާމުކުރުމެވެ.

* ހުކުރުދުވަހު އަނބިމީހާ ކުރަނީ ކޮންކަމެއް ހެއްޔެވެ؟

- ގޭތެރޭގެ މަސައްކަތެވެ.  

* ދަރިފުޅާއެވެ! ދެމީހުންނަށް އެކުގައި އުޅެވޭނީ އެއްވަރަށް މަސައްކަތްކޮށްގެންނެވެ. އޮފީހުން އައިސް އެއްގަޑިއިރު އަރާމުކުރާށެވެ! އެހިސާބުން ގޭތެރޭގެ މަސައްކަތް ދެމީހުންވެގެން ކުރާށެވެ! ދަރިފުޅު ހަފްތާގެ ދުވަސްތަކުގައި މަސައްކަތްކުރީމާ ވަރުބަލިވާ ގޮތަށް އަނބިމީހާވެސް ވަރުބަލިވާނެއެވެ. ވީމާ ހުކުރު ދުވަހު ކުރަންޖެހޭ މަސައްކަތްވެސް ދެމީހުން ކުރާށެވެ. އެންމެ ރަނގަޅުގޮތަކީ ހުކުރު ދުވަހު ކުރަންޖެހޭ ކަންކަން މަދުކޮށް ދެމީހުން އެކުގައި ވަޤުތުހޭދަކުރުމެވެ.  

* ދަރިފުޅާއެވެ! ޢުމުރުން 60 އަހަރުގައިވެސް މަންމަ އެހާޒުވާންކޮށް ފެންނަންއެހުރީ ބައްޕަ މިބުނެދިންގޮތަށް ބައްޕަ ކަންކަން ކުރީމައެވެ! ދަރިފުޅުވެސް އެގޮތަށް ކަންތައްކުރަން ފެށީމާ އަނބިމީހާއަށް ރީތިކަން ލިބޭނެއެވެ.  

* ދަރިފުޅާއެވެ! މިއީ މިރޭގެ އެންމެ ފަހު ނަޞީޙަތެވެ. ވަރުގަ އިންޒާރެއް ކަމަށް ޤަބޫލުކުރާށެވެ! މާދަމާއިން ފެށިގެން އޮފީހުގައި އުޅޭކުދިންގެ ރީތިކަމަށް ނުބަލާށެވެ! އެއީ ޒަހަރަށްވުރެ ހިތިއެއްޗަކަށްވެ ދަރިފުޅުގެ ދިރިއުޅުން ވީރާނާވެގެން ހިނގައިދާނެއެވެ.  

މިބައްޕަގެ މިނަޞީހަތާއިމެދު މިއަދުނޫހުގެ ކިޔުންތެރިންގެ ބަހަކީ ކޮބައިހެއްޔެވެ؟ ހަމަ ޤައިމުވެސް މިއީ އަޅުގަނޑަށް ސައްތައިން ސައްތައިގެ ނަޞީޙަތެކެވެ. މައްސލައަކަށްވެގެން މިއުޅެނީ އެންމެ ކަމެކެވެ. ގަސް އެންމެ ފައްކާކޮށް ހެދިބޮޑުވަން ބޭނުންވެއެވެ. އެކަމަކު ގަހަކަށް ފެނެއް ނުދެއެވެ. ގަސްބުޑަށް ކާނާއެއް ނުއަޅައެވެ! ދެންވެސް ގަހަށް ހަމަ އެންމެ ފައްކާކޮށް ހެދެވޭނެ ހެއްޔެވެ؟  

މިބައްޕަގެ ނަޞީޙަތަށް އެންމެންވެސް ތާއީދުކުރާނެ ކަމަށް ހީކުރަމެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން