ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ މަރުކަޒު (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މި މަހުގެ 7 އިން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ގޭގެއަށް ފެންވަންނަ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި، ގޭތެރޭގައި ހުންނަ ކަރަންޓު ސާމާނު ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން، މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުފަތުރު ކުރުމުގައި އިންތިހާއަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގަވާފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގައި ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، މޫސުން ގޯސް ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
މޫސުމަށް ސަމާލުވުމުގެ ގޮތުން މެޓް އޮފީހުން ދަނީ އެލާޓުތައް ނެރެމުންނެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވައިޖެހޭނެ ކަމަށް ބެލެވެނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރާއި މެދުރާއްޖެތެރެއަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އާންމު ގޮތެއްގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.