ފާޙިޝް ޢަމަލުތަކާ ދުރުހެލިވުމަށް ހިތްވަރުދޭ އެކުވެރިންނަށް އިނާމުދޭށެވެ! އޭނާ މަސައްކަތްއެކުރަނީ ތިބާ ނަރަކައިން ސަލާމަތްކުރުމަށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފާޙިޝް ޢަމަލުތަކާ ދުރުހެލިވުމަށް ހިތްވަރުދޭ އެކުވެރިންނަށް އިނާމުދޭށެވެ! އޭނާ މަސައްކަތްއެކުރަނީ ތިބާ ނަރަކައިން ސަލާމަތްކުރުމަށެވެ!

އެކުވެރިންގެ ތެރޭގައި ދެބާވަތެއްގެ މީހުން ތިބޭނެއެވެ. އެއްބައަކު ތިބާ ކުރަންބޭނުންވާ ކަންކަންކުރަން ހިތްވަރުދޭނެއެވެ. މަގުފަހިކޮށްދޭނެއެވެ. އެއީ ކިތަންމެ ބޮޑު ޙަރާމްކަމެއް ނަމަވެސްމެއެވެ. އަނެއްބައަކު ޢަމަލުކުރާނީ ދިމާ އިދިކޮޅަށެވެ. ތިބާއަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކުރާކަށް ނުރުހޭނެއެވެ. ވަކިން ޚާއްޞަކޮށް ފާފައެއް ކުރާކަށް ދުލެއް ނުކުރާނެއެވެ. ހުރަސްއަޅާނެއެވެ.  

މިއަދު އެންމެ ގިނަބައަކަށް އެންމެ ގިނައިން ކުރެވޭ ފާފައަކީ ފާޙިޝް ޢަމަލުކުރުމެވެ. އެއީ އެންމެ ގެއްލުން ބޮޑު ފާފައެވެ. ދުނިޔޭގައިވެސް ﷲ ތަޢާލާގެ ކޯފާއާއި ކުރިމަތިލާންޖެހެއެވެ. ދިރިއުޅުން ބަނގުރޫޓުވެގެންދެއެވެ. ބޮޑެތި ބަލިތައް ޖެހި ފުރާނައަށް ނުރައްކާވެއެވެ. އާޚިރަތް ގެއްލިގެންދެއެވެ.  

އެހެންކަމުން ފާޙިޝް ޢަމަލުކުރަން ހިތްވަރުދޭ، މަގުފަހިކޮށްދޭ މީހަކާއި ގުޅުން ނުބާއްވާށެވެ! އެއީ އެންމެ ނުބައި އެކުވެރިއެކެވެ. ޙަޤީޤަތުގައި އެއީ އެކުވެރިއެއް ނޫނެވެ. ދުޝްމިނެކެވެ. ޙަޤީޤީ އެކުވެރިން މަސައްކަތްކުރާނީ އެފަދަ ނުބައި ކަމެއް ކުރިއަ ނުދިނުމަށެވެ.  

ތިބާގެ ބުރަކަށީގަ އަތް އަޅައި ކޮއްޕައިގެންނަމަވެސް ނަރަކައާ ދުރުކުރުވަން މަސައްކަތްކުރާ މީހަކަށް ޝުކުރުވެރިވާށެވެ! ތިބާދެކެ ޙަޤީޤީ ލޯބިވާ މީހަކީ އެއީއެވެ! ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރުމަށް ވާގިވެރިވުމަށްވުރެ ބޮޑު ހެޔޮ ކަމެއް ނެތަތީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ފާޙިޝް ޢަމަލުތައް ކުރުމުން ދުރުހެލިވާށެވެ! ކައިވެނިކުރާށެވެ! ކައިވެނި ދަމަހައްޓާށެވެ! ކުރިން ކުރެވިފައިވާ ފާފަތަކަށް އަވަހަށް ތައުބާވާށެވެ! އެއިރުން ތިބާއަށް ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން