ކެތްތެރިކަން ދެއްވެވުމަށް އެދިގެން ﷲ އަށް ދަންނަވާ މީހާއަށް ކެތްތެރިކަން ދެއްވަވާނެ!: ޑރ. ޔާސިރް ޤާޟީ

ކިޔުމަށް ހޭދަވާނީ 1މ 54ސ
ކެތްތެރިކަން ދެއްވެވުމަށް އެދިގެން ﷲ އަށް ދަންނަވާ މީހާއަށް ކެތްތެރިކަން ދެއްވަވާނެ!: ޑރ. ޔާސިރް ޤާޟީ

ޢާއިޝަތު ރަފާޙް ޢަލީ

 

ލޯބިވާ އަޚުންނާއި އުޚްތުންނޭވެ! ތިބާ ކެތްތެރިވާން ބޭނުންނަމަ، ﷲއަށް އެކަން ސާބިތުކޮށްދޭށެވެ. އަދި ދަންނާށެވެ، ﷲ ވައުދުވެވޮޑިގެންފައިވެއެވެ؛ ތިބާ އެ ކެތްތެރިކަމަށް އެދިއްޖެނަމަ، ތިބާއަށް އެކަން ލިބޭނެއެވެ. 

އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ މުއްދައްޘިރް ސޫރަތުގެ 7 ވަނަ ޢާޔަތުގައި ވަޙީކުރައްވައެވެ: ‏

وَلِرَبِّكَ فَاصْبِرْ ‎﴿٧﴾‏

މާނައީ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ! (7)  

މިއީ ﷲގެ ޙަޟްރަތުން އަޅުގަނޑުމެންގެ ނަބިއްޔާ ﷺ އަށް ސީދާ ދެއްވި އެންމެ ފުރަތަމަ އަމުރުފުޅުތަކުގެ ތެރެއިންވާ ކަމެކެވެ. ސޫރަތުލް މުއްދައްޘިރުގައެވެ.  

މުއްދައްޘިރް ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

يَا أَيُّهَا الْمُدَّثِّرُ ‎﴿١﴾‏

މާނައީ: އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (1)

އެންމެ ފުރަތަމަ އަމުރުފުޅުތަކުގެ ތެރެއިން، ﷲ އަޅުގަނޑުމެންގެ ނަބިއްޔާ ﷺ އަށް ވަޙީކުރައްވައެވެ: وَلِرَبِّكَ فَصْبِرْ ސީދާ އެކަލޭގެފާނަށް، އެކަހެރިކޮށެވެ. ﷲ ތަޢާލާ ސީދާ އެކަލޭގެފާނަށް ވަޙީކުރައްވަނީއެވެ. ތިބާގެ ކުރިއަށް އޮތް މުޅި ޙަޔާތުގައި ތިބާގެ ވެރިރަސްކަލާނގެއަށްޓަކައި ކެތްތެރިވެވަޑައިގަންނަވާށެވެ!

މިއީ އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަބައިމީހުންނަށް ދޭ ނަޞޭޙަތެވެ. އަޅުގަނޑުމެން ކަށަވަރުކޮށް ދަންނަންޖެހޭ ކަމަކީ، ކެތްތެރިކަން އަންނަނީ "އައްޞަބޫރު" (ﷲ ތަޢާލާގެ އިސްމުފުޅެއް) ގެ ޙަޟްރަތުންކަމެވެ. ތިބާ ކެތްތެރިކަން ބޭނުންތޯއެވެ؟ އައްޞަބޫރަށް އީމާންވާށެވެ. އައްޞަބޫރުގެ ޙަޟްރަތުގައި ދުޢާކުރާށެވެ. އެ ކެތްތެރިކަމަށް އެދި ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ.  

ކޮންމެ ކަމެއްވެސް ހިނގަނީ އަޅުގަނޑުމެންނަށް އެންމެ ހެޔޮގޮތުގައެވެ. އަޅުގަނޑުމެންނަށް އެކަން ނުވިސްނުނު ކަމުގައިވީނަމަވެސްމެއެވެ. ޙަޤީޤަތުގައި އީމާންކަމާއި ކެތްތެރިކަންވަނީ ގުޅިލާމެހިފައެވެ. އީމާންކަން ހުރި މީހާއަށް ކެތްތެރިކަންވެއެވެ. ކެތްތެރިކަމެއް ނެތް މީހާގެ އީމާންކަން ފުރިހަމައެއް ނުވެއެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން