ފާއިތުވި ހަފުތާގައި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އުތުރުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ހދ. ނޮޅިވަރަމުން ފެން ހިންދުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. ނަމަވެސް، ރަށުގެ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމަށް އަދި ހަތަރު ވަރަކަށް ދުވަސް ނަގާނެ ކަމަށް އެ ރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެމީޑީއާއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަން ކައުންސިލްގެ ރައީސް އަހުމަދު އާމިރު ވިދާޅުވީ، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރި ވިއްސާރައިގައި ރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެގޮތުން 37 ގޭބިސީއަކުން އާއިލާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހުނުއިރު، ރަށުގެ 448 ގޭބިސީގެ ތެރެއިން 70 އިންސައްތަ ގެއަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާކަން މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެން ހިންދުމުގެ އޮޕަރޭޝަނާ ގުޅޭ ތަފުސީލު ހިއްސާކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ރައްޔިތުން ޖުމްލަ ފަސް ދުވަސް ފެނުގެ ތެރޭގައި ހޭދަކުރަން ޖެހުނު ކަމަށެވެ. މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 6:30 އިން ފެށިގެން ޕަންޕުތައް ޖަހައިގެން ކުރި ބުރަ މަސައްކަތް އެއްކޮށް ނިންމާލެވުނީ މިއަދު ހެނދުނު 8:20 ގައެވެ. އަދި ރަށުތެރެއިން ފެން ބޭރުކުރުމަށްޓަކައި މޫދާ ގުޅޭގޮތަށް ޖުމްލަ 6 ކޯރު ކަނޑާފައިވާކަންވެސް އާމިރު ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަންގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)، އެމްއެންޑީއެފް، ފުލުހުން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އެހީ ޖަމްއިއްޔާގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން ކައުންސިލަށް ދާއިމީކޮށް ބޭނުންކުރެވޭނެ ފެންހިންދާ ޕަންޕަކާއި 3 ހޮޅި ހަދިޔާކޮށްފައިވާކަންވެސް ކައުންސިލުން ފާހަގަކުރެއެވެ.
އާންމު ހާލަތަށް އައުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތަޣައްޔަރުވެ، ހިނގާބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ހާލަތުން އަރައިގަތުމަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ރަށުގައި ވެލި ނެތުން ކަމަށާއި، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނަޖިސް ބޭރުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ގޭގެ ސާފުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރިކަންވެސް އާމިރު ފާހަގަކުރެއްވިއެވެ. އެގޮތުން ޑިޓޯލާއި އެކި ބާވަތުގެ ކެމިކަލް ބޭނުންކޮށްގެން ސާފުކުރި ނަމަވެސް، ނަޖިހުގެ ވަސް ނުކެނޑޭތީ ތަކުރާރުކޮށް ސާފުކުރުމުގެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.