މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް) ގެ މިއަހަރުގެ އެޑިޝަން ފަގީރުކަން ނައްތާލުމަށް ޚާއްސަކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސްއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޝައިޚް އިމްތިޠާއު ވިދާޅުވީ، މިއަހަރު ބާއްވަނީ އިންޒެކްގެ 3 ވަނަ ކޮންފަރެންސް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ކޮންފަރެންސަކީވެސް ގިނަ މަޢުލޫމާތުތަކެއް ބަދަލުކުރެވި، ޢަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ފަދަ ހަރަކާތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޒަމާނާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސްފައިވުމާއެކު، ފަގީރުކަމުގެ މާނައާއި އާއިލާތައް ފަގީރުކަމުގެ ހާލަތަށް ވެއްޓޭ ސަބަބުތައް މިހާރު ތަފާތުވެފައިވާކަން ޝައިޚް އިމްތިޠާއު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މާލީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ އަސަރު މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށްވެސް ބޮޑަށް ކުރަމުންދާ ކަމަށާއި، މި ކޮންފަރެންސް މިއަހަރު ޚާއްސަކޮށްފައިވަނީ މިފަދަ މައްސަލަތަކަށް އަލިއަޅުވާލައި ހައްލު ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ކޮންފަރެންސްގައި ޒަމާނީ މުޖުތަމަޢެއްގައި ފަގީރުކަން މެދުވެރިވާ ސަބަބުތަކާއި އޭގެ ސިފަތަކަށް ފުންކޮށް ބަލައި، ދައުލަތުގެ މުއައްސަސާތަކާއި ޒަކާތު ހައުސް، ޕްރައިވެޓް ސެކްޓަރ އަދި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ގެނެވިދާނެ ޙައްލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، އެކި ޤައުމުތަކުގައި ފަގީރުކަން ނައްތާލުމަށް ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ ސިޔާސަތުތަކާއި ފިޔަވަޅުތަކުގެ ތަޖުރިބާ މި ކޮންފަރެންސްގައި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
"ބައިނަލްއަގުވާމީ އެކި ތަޖުރިބާތައް، ފަގީރުކަން ނައްތާލުމުގެ އެކި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ ކޮންޓެކްސްޓަށް ތިރިކުރެވޭނެ ގޮތްތަކާ މެދުގައި އިރާދަކުރެއްވިއްޔާ ދީނީ ޢިލްމުވެރިންނާއި ޕޮލިސީ މޭކަރުންނާއި އަދި ޒަކާތުގެ އެޑްމިނިސްޓްރޭޓަރުންނާއި އަދި އެ ނޫންވެސް ކަމާބެހޭ މާހިރުން އިރާދަކުރެއްވިއްޔާ ވަރަށް ޝައުގުވެރި، ޢިލްމީ މައުލޫމާތުތަކެއް ފޯރުކޮށްދެމުން ދާނެ،" ޝައިޚް އިމްތިޠާއު ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ދީނީ ޢިލްމުވެރިންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކުގެ އިތުރުން ޒަކާތުގެ އެޑްމިނިސްޓްރޭޓަރުންނާއި ދާއިރާގެ ފަންނީ މާހިރުން ބައިވެރިވެވަޑައިގެން، ފަގީރުކަން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ މެދު އަގުހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.