ޤާނޫނުލްޢުޤޫބާތަށް ޤަތުލުއާންމުގެ ކުށް އިތުރުކުރުމަށް ސަރުކާރުން ހުށަހެޅީ ބައިނަލްއަޤްވާމީ ޤާނޫނުން ދިވެހިރާއްޖެއަށް ލާޒިމުކުރާ ކަމަކަށްވާތީ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ މި އިސްލާހާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ސައްޙަ ނޫން ވާހަކަތަކަށް ރައްދުދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ. މި ބިލުގެ މަޤްޞަދަކީ ވަކި ޤައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކާ ދެކޮޅަށް ޤަތުލުއާންމު ހިންގުން މަނާކޮށް، އެއީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅުމެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ޤަތުލުއާންމުގެ ޢަމަލުތަކުގެ ގޮތުގައި މައިގަނޑު ކަންތައްތަކެއް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި، އެފަދަ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން ހިމެނެއެވެ. މީގެއިތުރުން ޖަމާޢަތެއް އެކުގައި ނުވަތަ އޭގެ ބޮޑު ބައެއް ޖިސްމާނީ ގޮތުން ނެތިކޮށްލުމުގެ ގަސްދުގައި ދިރިއުޅުމުގެ ހާލަތްތައް ދަތިކުރުމާއި، އެ ޖަމާޢަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާޢަތްތަކަށް ބަދަލުކުރުން ވެސް ޤަތުލުއާންމުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި، ޤަތުލުއާންމު ހުއްޓުވުމާއި އަދަބުދިނުމާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ރާއްޖެއިން ބައިވެރިވެފައިވަނީ 24 އޭޕްރިލް 1984 ގައެވެ. އަދި އެ މުއާހަދާގެ 5 ވަނަ މާއްދާގެ ދަށުން، މުއާހަދާ ތަންފީޒުކުރުމަށްޓަކައި އެތެރޭގެ ޤާނޫނުތައް ހަދައި، އެފަދަ ކުށްތަކަށް ޖިނާއީ އަދަބު ކަނޑައެޅުމަކީ މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް ލާޒިމުކަމެކެވެ.
އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވިތާ 42 އަހަރު ވެގެންދިޔައިރު ވެސް އެ ޒިންމާ މީގެ ކުރިން އަދާކޮށްފައި ނުވާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަކީ މުއާހަދާއާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުޝާމް ވިދާޅުވިއެވެ.