ތިބާގެ ދޫ ރައްކައުތެރިކުރަން ދުލުން ނުބައިބަހެއް ނުބުނެ ހުރުމުގެ ތެރޭގައި ފޯނުން ކުރާމެސެޖާ ސޯޝަލްމީޑިއާގައި ލިޔާ ލިޔުންތައް ނުހިމަނައިފިނަމަ އެކުރެވެނީ ފާފަ!

ކިޔުމަށް ހޭދަވާނީ 3މ 28ސ
ތިބާގެ ދޫ ރައްކައުތެރިކުރަން ދުލުން ނުބައިބަހެއް ނުބުނެ ހުރުމުގެ ތެރޭގައި ފޯނުން ކުރާމެސެޖާ ސޯޝަލްމީޑިއާގައި ލިޔާ ލިޔުންތައް ނުހިމަނައިފިނަމަ އެކުރެވެނީ ފާފަ!

މަރްޔަމް ސާޖިދާ

 

ދޫ ރައްކައުތެރިކަމަކީ ފާފަވެރިވާނެ ބަހެއް ނުބުނުމެވެ. އިނގިލިތަކުން ލިޔާ ލިޔުމުގައިވެސް ބުނެވެނީ ބަހެވެ. ތަފާތުވަނީ ބަސްބުނަން ބޭނުންކުރާ ގުނަވަނެވެ. ވީމާ މިއަދު އަޅުގަނޑުމެންގެ "ދޫ ރައްކާތެރިކުރުމަކީ" ހަމައެކަނި ދުލުން ދައްކާ ވާހަކަ ކޮންޓްރޯލް ކުރުމެއް ނޫނެވެ. ނަމަވެސް އެއީ ތިބާގެ ފޯނުގެ ކީބޯޑަށް ފިތާލާ ކޮންމެ ފިތުމަކަށްވެސް ޒިންމާދާރުވާންޖެހޭ ކަމެކެވެ. 

އިންސާނާއަށް މާތްﷲ ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ނިޢުމަތަކީ ބަސްމޮށުންތެރިކަމުގެ ނިޢުމަތެވެ. ނަމަވެސް މިއީ، ރަގަޅު ނޫން ގޮތުގައި ބޭނުންކޮށްފިނަމަ، އިންސާނާ ހަލާކުގެ ތެރެއަށް ވައްޓާލާނެފަދަ ނުރައްކާތެރި ކަމެއްވެސް މެއެވެ.

އިސްލާމްދީނުގައި ދޫރައްކާތެރި ކުރުމަށް ނުހަނު ބޮޑަށް ބާރު އަޅުއްވާފައިވަނީ މިސަބަބަށްޓަކައެވެ. މީހާގެ އީމާންކަމުގެ ފުރިހަމަކަން ބިނާވެގެންވަނީ އެމީހެއްގެ ދުލާއި އަތުން އެހެން މީހުނަށް ސަލާމަތްތެރިކަން ލިބިގެންނެވެ.  

ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން އެންމެ ފަސޭހައިން ފާފަތަކަށް އަރައިގަނެވޭ ގުނަވަނަކީ ދުލެވެ. ދޭތެރެޖެއްސުމާއި، ޣީބަބުނުމާއި، ދޮގުހެދުމާއި، މީހުނަށް މަލާމާތްކުރުމާއި، ހުތުރު ބަހުން ވާހަކަ ދެއްކުމަކީ މިއަދުގެ މުޖުތަމަޢުގެ ތެރޭގައި އާންމުވެފައިވާ ނޭދެވޭ ކަންކަމެވެ. މީސްތަކުން އެންމެ ގިނައިން ނަރަކައަށް ވަންނަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ދުލުން ބުނެވޭ ބަސްތައްކަން ރަސޫލާ ﷺ  ގެ ޙަދީޘްފުޅުން އެނގެއެވެ.  

އެހެންކަމުން އަހަރަމެންގެ ދުލުން ބޭރުކުރާ ކޮންމެ ބަހަކާއިމެދު އަހަރަމެން ފަރުވާތެރިވާން ޖެހެއެވެ.  އަހަރަމެންގެ ދުލުން ބޭރުކުރާ ކޮންމެ ބަހަކީ ލިޔެވި ރެކޯޑް ވަމުންދާ އެއްޗެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ.

سورة ق ގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " (ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. (18)" 

އެހެންކަމުން ބަހެއް ބުނުމުގެ ކުރިން އެބަހުގެ ސަބަބުން ލިބޭނެ ފައިދާއާއި ގެއްލުމާއިމެދު ވިސްނާލަން ޖެހެއެވެ. ހެޔޮބަހެއް ބުނެވެން ނެތްނަމަ އޮތީ ހަނު ހުރުމެވެ.  

ސޯޝަލް މީޑިއާގެ މަންސަތަކުގައި އަޅުގަނޑުމެން ކުރާ ކޮމެންޓްތަކާއި، ކުރާ ޕޯސްޓްތަކާއި، ފޮނުވާ މެސެޖަކީވެސް ސީދާ ދުލުން ބުނާ ބަސްތަކެކޭ އެއްފަދައިން މީގެތެރޭގައި ހިމެނޭ ކަންކަމެވެ.  

ދުލުން ބުނެވޭ ބަސްތައް ރެކޯޑުކުރެއްވޭ ފަދައިން، ކީބޯޑުން ޓައިޕްކުރާ ކޮންމެ އަކުރަކާއި، ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް ފަދަ މަންސަތަކުގައި ލިޔާ ކޮމެންޓްތައްވެސް މަލާއިކަތް ބޭކަލުން ރެކޯޑުރައްވައެވެ.  

އަހަރަމެން ދުލުން ބުނާ ބަސްތަކަށްވުރެ ބޮޑު 'އިމްޕެކްޓް' އެއް ޙަޤީޤަތުގައި ސޯޝަލް މީޑިއާގެ ކޮންޓެންޓުން ކުރެއެވެ. ސަބަބަކީ، ސޯޝަލް މީޑިއާގައި އެ ޚަބަރެއް ނުވަތަ އެވާހަކައެއް ފެތުރޭލެއް އަވަހެވެ. ދުލުން ބުނާ ބަހެއް އަޑު އިވޭނީ ނިސްބަތުން މަދު ބަޔަކަށެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ލިޔާ ކޮމެންޓް ހިނދުކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކަށް ފެނި، އޭގެ ގެއްލުން މުޅި މުޖުތަމައަށް ފޯރައެވެ. ހަމައެހެންމެ، އެކޮމެންޓެއް ޑިލިޓް ކޮށްލި ނަމަވެސް، އޭގެ ސްކްރީންޝޮޓް ނަގައި، މީހުންގެ މެދުގައި އެތައް ދުވަހަކަށް އެވާހަކައެއް ދެކެވުމުގެ ފުރުސަތުއޮވެއެވެ.

މީގެއިތުރުންވެސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް ފެތުރިފައިވާ ނޭދެވޭ އެއް އާދައަކީ ފޭކު އެކައުންޓްތަކުގެ ފުރުގަހުގައި ފޮރުވިތިބެ، މީހުންގެ އަބުރާއި ބެހުމާއި ފާޑުކިޔާ ހެދުމެވެ. ދުނިޔެއަށް ސިއްރުވިޔަސް، މާތްﷲގެ ޙަޟްރަތުގައި އެއްވެސް ކަމެއް ސިއްރުވެގެން ނުވެއެވެ. ޤިޔާމަތްދުވަހު ތިމާ ލިޔާ ކޮމެންޓްތަކާއި ޕޯސްޓްތަކަށް މާތްﷲގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެއެވެ.

އެހެންކަމުން، ދުނިޔެއާއި އާޚިރަތުގެ ހެޔޮ ދަރުމަ ހޯދެން އޮތީ ތިމާގެ ދުލާއި ، އަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. ޚާއްޞަކޮށް މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާގެ މަންސަތަކުގައި ލިޔާ ބަސްތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެގެންނެވެ.  

ކާމިޔާބު ލިބިގެންވަނީ ދޫ ރައްކާތެރިކޮށް، ހެޔޮ ބަސްތަކުން މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހުންނަށެވެ. ދުލުގެ ނުބައިކަމުން އަޅަމެން އެންމެން ރައްކާތެރިކުރައްވައި، ހެޔޮ ބަސް ބުނާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.

 

މިއަދު އޮންލައިން