ޢާއިޝަތު ރަފާޙް ޢަލީ
އަންހެނުންނަކީ ފިރިހެނުން ފަދަ ބައެއް ނޫނެވެ. މާތްﷲ އަޅުގަނޑުމެން އުފައްދަވާފައިވަނީ ތަފާތުކޮށެވެ.އަދި މިއީ މާތްﷲގެ ޙިކުމަތްފުޅެކެވެ.. އެކަލާނގެ ކުރައްވަވާ ކަންކަމާމެދު ސުވާލެއް ނުކުރެވޭނެއެވެ.
އަދި ސުބްޙާނަﷲ، ފިރިހެނުންނާއި އަންހެނުންގެ މެދުގައިވާ މި ތަފާތަކީ އެކަކު އަނެކަކަށް ބޭނުންތެރިވެގެންވާތީއެވެ.. އަދި މި ތަފާތު ނުވާނަމަ، މި ދިރިއުޅުން ހަމަޖެހިގެން ނުދިޔައީހެވެ.
ﷲ ތަޢާލާ އަޢްރާފް ސޫރަތުގެ 189 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّاهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِ ۖ فَلَمَّا أَثْقَلَت دَّعَوَا اللَّهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحًا لَّنَكُونَنَّ مِنَ الشَّاكِرِينَ ﴿١٨٩﴾
މާނައީ: އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ نفس ން، އެ نفس ގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّه އަށް އެ ދެމީހުން دعاء ކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް صالح ދަރިއަކު ދެއްވައިފިނަމަ، شكر ކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ. (189)
ބައްލަވާށެވެ!، މި އާޔަތުން ސާފުވާ ގޮތުގައި ފިރިހެނުންނާއި އަންހެނުން ވަނީ އެކަކު އަނެކަކަށް ބޭނުންވެފައެވެ.. ނަމަވެސް، މީގެ މާނައަކީ އަންހެނުންނަށް ޙައްޤުތަކެއް ނެތުމެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން ބުނަނީ، ފިރިހެނުންނާއި އަންހެނުންގެ މެދުގައިވާ ތަފާތަކީ އެކަކު އަނެކަކަށް ވެވޭ ހެޔޮ ފޯރުކޮށްދިނުމެއް ކަމަށެވެ.. ފިރިމީހާއަކީ އަނބިމީހާއަށް ހެޔޮ ފޯރުކޮށްދޭ މީހެކެވެ.. އަދި އަނބިމީހާއަކީ ފިރިމީހާއަށް ހެޔޮ ފޯރުކޮށްދޭ މީހެކެވެ.
- ޝައިޚް ފަހްދް އަލްކަންދަރީގެ ދަރުސަކުން