ޢާއިޝަތު ރަފާޙް ޢަލީ
ބައެއް ފަހަރު ކުންފުންޏަކުން އިޤްތިޞާދީ ދަތިކަމަކާ ހުރެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންޖެހޭ ހާލަތްތައް މެދުވެރިވެއެވެ. އެފަދަ ބައްދަލުވުމެއްގައި މުވައްޒަފަކު ވަކިކުރުމުގެ ބަދަލުގައި، އޭނާއަކީ ކުންފުންޏަށް ފައިދާހުރި މުވައްޒަފެއް ކަމަށްބަލައި، ދަށް މަޤާމެއް ދިނުމަށް ނިންމައިފާނެއެވެ. އެ ޚަބަރު ލިބުމުން، އޭނާގެ ކުރީގެ މަޤާމު ގެއްލުމުގެ ސަބަބުން ދެރަވެ މާޔޫސްވެއެވެ. ނަމަވެސް، މިއީ ތިބާއަށް ލެއްވި ﷲގެ ބޮޑުވެގެންވާ ރަޙްމަތެކެވެ. ތިބާއަށް ނޭނގުނު ކަމުގައިވިޔަސް، އެކަލާނގެ އިރާދަކުރެއްވި ގޮތް ނޫން އެހެން ގޮތެއް މެދުވެރިއެއް ނުވާނެއެވެ. ތިބާ އެއްކޮށް ވަޒީފާ ނުގެއްލުނުކަން އެއީ ލެއްވެވި ރަޙްމަތެކެވެ.
މިފަދަ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަނެ، ﷲގެ ރަޙްމަތާއި ރިޒުޤުގެ ދޮރުތައް ހުޅުވައިދޭ އެންމެ ބޮޑު ވަސީލަތަކީ އިސްތިޣްފާރު ކުރު މެވެ. "އަސްތަޣްފިރުﷲ" ކިޔައި، "އޭ ﷲ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!" ބުނެ، މާތްﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުމަކީ، ފާފަތަކުގެ ސަބަބުން ﷲގެ ރަޙްމަތް އަޅުގަނޑުމެންނާ ހަމައަށް ފޯރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލައިދޭ ކަމެކެވެ. ރަޙްމަތް އިތުރުކޮށްދެއްވަވާ ކަމެކެވެ.
ހަމަކަށަވަރުން، މާތްﷲއީ "ޣައްފާރު" (ގިނަގިނައިން ފާފަފުއްސަވާ) ރަސްކަލާނގެއެވެ. ތިބާ ގިނަގިނައިން އިސްތިޣްފާރުކުރާނަމަ، ސުބުޙާނަﷲ! މާތްﷲ ތިބާ ހީވެސް ނުކުރާފަދަ ގޮތްގޮތުން ތިބާއަށް ރިޒުޤު ދެއްވާނެއެވެ. އެކަލާނގެ ތިބާއަށްޓަކައި ކޯރުތަކާއި ފެހިކަންގަދަ ބަގީޗާތައް ހުޅުއްވައިދެއްވައި، މުދަލާއި، މާލީ ތަނަވަސްކަމާއި، މާއްދީ ފުއްދުންތެރިކަމާއި، ދަރިން ފަދަ ތިބާ ހީވެސް ނުކުރާފަދަ ގިނަގުނަ ނިޢުމަތްތައް މިންވަރުކުރައްވާނެއެވެ.
އެހެންކަމުން، ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ބަދަލަކާއި ދަތިކަމެއްގައި ﷲގެ ޙިކްމަތަށް އިޢުތިމާދުވެ، ގިނަގިނައިން އިސްތިޣްފާރު ކުރާށެވެ. އޭރުން ތިބާގެ މައްޗަށް ﷲ ތަޢާލާ ބަރަކާތް ލައްވާ، ހުރަސްތައް ނެތިގޮސް އުނދަގޫތައް ފަސޭހައަށް ބަދަލުވެގެންދާނެއެވެ.
- ޝައިޚް ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން