ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރި ތިން ބިދޭސީއަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރި ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ބަންދުކޮށްފައިވަނީ އާމިރު ޙުސައިންއާއި، އެމްޑީ މީޒާނުއްރަޙްމާންގެ އިތުރުން ސިރާޒް ޚާންއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލައިސަންސަކާނުލައި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ ޓާސްކްފޯސްއިން ދަނީ ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ.

މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ދަނީ ކުރިއަަށް ގެންދަމުންނެވެ. އަދި ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އެ މީހުންނާ މެދު އަޅާނެ އިތުރު ފިޔަވަޅުތައް ވަރަށް އަވަހަށް ނިންމާނެ ކަމަށް ފުލުހުން ބުނެއެވެ.

ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތައް ތަހުޤީޤު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއަށް މިފަދަ މައުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

މިއަދު އޮންލައިން