ހ.އ. ބާރަށުގައި ޤާއިމުކުރި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" ގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހ.އ. ބާރަށުގައި ޤާއިމުކުރި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" ގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

ހއ. ބާރަށުގައި ސިއްޙީ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެއްޓާއި ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާއިމުކުރި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" ގެ ޢަމަލީ މަސައްކަތްތައް މި ހިނގާ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

މި މަޝްރޫޢަކީ ސިއްޙީ ފަރުވާދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކެމިކަލްތަކާއި ކުނި، ތިމާވެއްޓަށް ގެއްލުން ނުވާނޭހެން ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ މުހިންމު ފެސިލިޓީއެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ "އެލިމިނޭޓިންގް ޕޮޕްސް" މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވާ މި މަރުކަޒުގައި ޒަމާނީ ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.

އެގޮތުން، ސިއްޙީ ކުނި ރައްކާތެރިކަމާއެކު ސްޓެރިލައިޒްކޮށް (ޖަރާސީމު ނައްތާލައި)، އޭގައި ހިމެނޭ ވިހަ އަދި ނުރައްކާތެރި މާއްދާތައް ވެއްޓަށް ބޭރުވިޔަނުދީ ނައްތާލުމަށް ބޭނުންވާ ޒަމާނީ އޮޓޯކްލޭވް މެޝިނާއި އެހެނިހެން ވަސީލަތްތައް މިހާރު ވަނީ މި ފެސިލިޓީގައި ފުރިހަމަކުރެވިފައެވެ.

މި ފެސިލިޓީއަކީ ސިއްޙީ ދާއިރާގައި އުފެދޭ ކުނި އަންދާލުމުގެ ބަދަލުގައި، ރައްކާތެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު ފަހުމުނާމާގެ (އެމް.އޯ.ޔޫ) ދަށުން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ.

މި ފެސިލިޓީގެ އޮޕަރޭޝަންތައް މި މަހު ފެށުމާއެކު، ބާރަށުގެ އިތުރުން އެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކުނި އެންމެ އެދެވޭ އަދި ރައްކާތެރި މިންގަނޑުތަކުގެ ތެރެއިން ނައްތާލެވިގެންދާނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން