މާލޭގެ ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް، ޕާކުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާލޭގެ ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް، ޕާކުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަނީ

މާލޭގެ ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް، ޕާކުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން 11 ނުކުތާގެ މައްޗަށް އެކުލެވޭ ތަޞައްވަރެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން ޒޯންތަކާއި އިމާރާތްތައް އެޅުމުގެ އިތުރުން މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތަޖުރިބާ ކުރުމުގެ ގޮތުން، ދެފަޅީގައި ޕާކުކުރުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުދުއްވޭ ފަދަ ހަނި 4 މަގެއްގެ ޑިޒައިނަށް ބަދަލު ގެނައުމަށް މިހާރު ވަނީ ނިންމާފައެވެ.

މި ބަދަލުތަކުގެ ދަށުން ގޭގެއިން ނިކުތުމަށާއި ހިނގާބިނގާވެ އުޅުމަށް ދަތިނުވާނޭހެން މަގުތައް ކުރަހައި، ކަންމަތިތަކުގައި ޕާކު ނުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. ވަޒީރު އިތުރަށް ވިދާޅުވީ މި މަޝްރޫޢަށް ބޭނުންވާ ބަޖެޓު ހަމަޖައްސާނީ އުޅަނދުތަކުގެ އަހަރީ ފީއާއި ރަޖިސްޓްރޭޝަން ފީ ހިމެނޭހެން މާލެ ސަރަހައްދުން ލިބޭ އާމްދަނީން ކަމަށެވެ.

މިއަދު އޮންލައިން