ފެންވަރައި ރީތިވެ ނަލަހެދި ސެންޓްޖަހައިގެން ބޭރަށް ގޮސް އުޅޭނެހާ ގޮތަކަށް ތިއައުޅޭއިރު ފެންވެރުވީ ކާކުކަން ނުވެސް އެނގޭނެ 2 ޙާލަތުގަ ތިބާ ފެންވަރުވަންޖެހޭކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ފެންވަރައި ރީތިވެ ނަލަހެދި ސެންޓްޖަހައިގެން ބޭރަށް ގޮސް އުޅޭނެހާ ގޮތަކަށް ތިއައުޅޭއިރު ފެންވެރުވީ ކާކުކަން ނުވެސް އެނގޭނެ 2 ޙާލަތުގަ ތިބާ ފެންވަރުވަންޖެހޭކަން އެނގޭތަ؟

މިއަދު ކިޔައިދޭން މިއުޅެނީ ފެންވަރައި ރީތިވެ ނަލަހެދި ސެންޓްޖަހައިގެން ބޭރަށް ގޮސް އުޅޭނެހާ ގޮތަކަށް ތިއައުޅޭއިރު ފެންވެރުވީ ކާކުކަން ތިބާއަށް ނުވެސް އެނގޭނެ 2 ޙާލަތުގަ ތިބާ ފެންވަރުވަންޖެހޭކަމުގެ ވާހަކައެވެ. ބޮޑަށް ސަމާލުކަންދޭންވީ ދެވަނަ ނުވަތަ އެންމެ ފަހު ޙާލަތަށެވެ. އެއީ އެޙާލަތުގައި ތިބާ ފެންވަރުވާ މީހުން ކިތަންމެ އަގުބޮޑު ފޭރާމަކުން ތިބާ ޒީނަތްތެރިކުރިޔަސް ދުނިޔޭގެ އެންމެ އަގުބޮޑު ސެންޓު ޖެއްސުވިޔަސް އެއިން ކަމަކުން ކުރާނެ ފައިދާއެއް ނެތީމައެވެ. އެވާހަކަތައް ފަހުން ކިޔައިދޭނަމެވެ.  

މިތިބަ ޒުވާނުންނޭވެ! މިނަޞޭޙަތް ރަނގަޅަށް އަޑުއަހާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ނަރަކައަށް ބިރުވެތިވާށެވެ. ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާށެވެ!  

މިއަދު ބޮޑެތިވެ ގައިބާރުޖެހުމުން އިރުއޮއްސުމާއިއެކު ފެންވަރައި ނަލަހެދިލައިގެން ނުކުމެގެން ތިއަދަނީއެވެ. ކޮންތަނަކަށް ކީއްކުރަން ހެއްޔެވެ؟ މިސްކިތަކަށް ނޫނެވެ. ﷲ ތަޢާލާ ނަޙީކުރެއްވެވި ކަންކަން ކުރުމަށެވެ.

މިހެން ބުނި ނަމަވެސް ރީތިވެ ނަލަހެދިގެން މަޣްރިބްނަމާދަށް މިސްކިތަށްދާގޮތަށް ޢިޝާނަމާދުކޮށްގެން މިސްކިތުން ފައިބާ ކުދިންވެސް އުޅެއެވެ. އަންހެންކުދިންވެސް ގޭގައި ނަމާދުކުރެވެން ނެތުމުން މިސްކިތަށް ގޮސް އެކަނބަލުންނަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ތިބެއެވެ. ނަމަވެސް އެއީ މަދު ޢަދަދެއްގެ ކުދިން ކޮޅެކެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން ބޭނުންނަމަ އެ މަދުކުދިންކޮޅުގެ ތެރޭގައި ހިމެނޭށެވެ.   

މިހެން ބުނުމުން ބައެއް ޒުވާނުން ބުނެއެވެ. އަހަރެމެން ދާތަނަކަށްދަނީ އެކަންޏެއް ނޫނެވެ. ލޮބުވެތި ޒުވާނުންނޭވެ! ބޯއިފްރެންޑެއް ގާލްފްރެންޑެއް އެހެންވެސް ނަމެއް ކިޔާނެ ކަމެއް ނެތެވެ. ކައިވެނި ނުކުރާހާހިނދަކު ދެމީހުން އެކަހެރިވުންވެސް ޙަމަޙަރާމެވެ.  

މިދައްކާ ވާހަކަ ނިކަން އަޑުއަހައިލަބަލާށެވެ!  

އެންމެ ފުރަތަމަ ތިބާ ފެންވަރުވަނީ (ދުނިޔެއަށް އުފަންވުމުން) ތިބާގެ އެއްވެސް ބާރެއް ނެތި އެހެން މީހެކެވެ. ފެންވަރުވައިދިނީ ކާކުކަންވެސް ފަހުން ބައަކު ބުނިއްޔާ ނޫނީ ތިބާއަކަށް ނުއެނގޭނެއެވެ. އެންމެފަހުން (ތިބާ މަރުވުމުން) ތިބާ ފެންވަރުވާނީވެސް ތިބާގެ އެއްވެސް ބާރެއް ނެތި އެހެން ބައެކެވެ. އެއީ ކޮންބައެއް ކަމެއްވެސް ތިބާއަކަށް ނުއެނގޭނެއެވެ.  

ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް ތިމާއަކީ އަމިއްލަ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫންކަން އެނގިގެންދާނެއެވެ! އަދި ކީއްހެއްޔެވެ؟ ފުރަތަމަ ފެންވަރުވާއިރު ތިބާއަށް ޙަރަކާތްކޮށް ރުއިމުގެ ބާރު ދެއްވަވާފައިވެއެވެ. މަރުވުމުން ހިނަވާއިރު އެންމެ ކުޑަމިނުން ޙަރަކާތްކޮށްލުމުގެ ބާރުވެސް ނުލިބެއެވެ. 

އެހެންކަމުން ސުވާލަކީ އެ ދެމެދުގައި ތިބާ ޖައްބާރުކަން ދައްކަނީ ކީއްވެގެން ހެއްޔެވެ؟ މީސްތަކުންނަށް އަނިޔާވެރިވަމުއެވެ. އަނބިދަރިންނަށާއި ޢާއިލާއަށް، ފިރިންނަށް އަނިޔާވެރިވަމުއެވެ. ބޭވަފާތެރިވަމުއެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން އެބަކުރަމުއެވެ.

އެއްވެސް ބާރެއް ނެތް ގޮތުގައި ދުނިޔެއަށް އުފަންވެ ބޮޑުވެ ބާރުތައް ލިބުމުން ތިމާއަށް ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލު ނުކުރާނަމަ އެމީހަކީ ކޮން ފަދަ ބޮޑު ޖާހިލެއް ހެއްޔެވެ؟ ޚާއްޞަކޮށް އެޖާހިލުކަންމަތީގައި މަރުވެއްޖެ ނަމަ ދާންޖެހޭނީ ނަރަކައަށްކަން އެނގޭއިރުވެސް މެއެވެ.  

މީސްތަކުންނޭވެ! ކޮންމެ ކަމެއްވެސް ވިސްނޭނީ އެކަމަކާއިމެދު ވިސްނައި ފިކުރުކުރުމުންނެވެ. ވީމާ ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ ކުރު މުއްދަތުގައި މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ! އެއިރުން ތިމާއަކީ އެއްވެސް ބާރެއް ނެތް މީހެއްކަން އެނގިގެންދާނެއެވެ. ތިމާގެ ނިކަމެތިކަން އިޙްޞާޞް ކުރެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން