ބައެއް ބެލެނިވެރިން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ކިޔަވައިދޭން މަސައްކަތްކުރިނަމަވެސް ދަރިންގެ ކިޔެވުމަށް ހުރަސްއެޅުމެވެ. ފިލާވަޅުތައް ދަސްނުވުމާއި ދަސްކުރިނަމަވެސް ހިތުގައި ހަރުނުލުން ފަދަ މައްސަލަތައް ކުރިމަތިވާކަމެވެ.
އެފަދަ ކަންކަމާއި ގުޅިގެން ސުވާލުކުރައްވާ ކިޔުންތެރިންނަށް ދަންނަޥާލަން އޮތީ އެފަދަ ގޮތްގޮތް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އެސްފީނާއެވެ. ދެވަނަ ސަބަބަކީ މައިންބަފައިންނަށް ފާފަކުރެވުމެވެ.
ތިރީގައިވާ ލިޔުމަކީ މިފަދަ ކަންކަމަށް އޮތް ޝައިޚް ނިމާލްގެ ބަސްފުޅެކެވެ.
މިހާރަކަށް އައިސް ބައެއް ކުދިންގެ ތައުލީމަށް އެކިއެކި ހުރަސްތައް އެޅެމުންދާ މައްސަލަތައް ގިނަވަމުން އަންނަކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ހިތުދަސްކުރަން ޖެހޭ ފިލާވަޅުތައް ދަސްވުން އުނދަގޫވުމާއި ދަސްކުރެވޭ ތަކެތި ހަނދާން ނެތުމުގެ މައްސަލަތައް ގިނަވަމުން އަންނަކަން ވެސް ބެލެނިވެރިން ފާހަގަކުރެއެވެ. އިމްތިހާނަށް ފިލާވަޅުތައް ދަސްކޮށްގެން ދިއަ ނަމަވެސް ބައެއް ކުދިން ހަނދާން ނެތި ރަނގަޅު ނޫން ޖަވާބު ދެވުމާއި ސުވާލުކަރުދާސްތައް ފުރިހަމަ ނުކުރެވޭ ކަމުގެ މައްސަލަތައްވެސް ފާހަގަކުރެއެވެ.
މިފަދަ ކަންކަން ކުއްޖާއަށް މެދުވެރިވެދާނެ އެއް ސަބަބަކީ މައިން ބަފައިން ފާފަތައް ކުރުމެވެ. މައިން ބަފައިން ފާފަކުރާނަމަ އެކަމުގެ ނުރަނގަޅު އަސަރު ވަރަށް ގިނަ ގޮތްގޮތުން ކުދިންނަށް ފޯރާކަން އެއީ އަބަދުވެސް ފާހަގަކުރެވެމުން އަންނަ ކަމެކެވެ.
ވީމާ ތިމާ އިންތިހާއަށް ލޯބިވާ އަމިއްލަ ދަރިންނަކީ ތައުލީމީ އަދި އަޚްލާޤީ ގޮތުން ރަނގަޅު ބައަކަށް ހެދުމަށްޓަކައިވެސް މައިންބަފައިން ފާފަކުރުން ހުއްޓައިލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެއާއިއެކު ދަރިންނަކީވެސް ވީހައި ތަޤްވާވެރި ބައަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ޢިލްމަކީވެސް ނޫރެކެވެ. އެ ނޫރުގެ އުޖާލާކަން އިތުރުވެ ފުރިހަމަވަމުން ދާނީ ބެލެނިވެރިންނާއި ދަރިންވެސް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރިވަރަކުންނެވެ. ވީމާ މިކަންކަމަކީ ބެލެނިވެރިން އިތުރަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.
--ޝައިޚް ނިމާލް މުޙައްމަދު/ މިއަދުނޫހަށް