ކައިވެނި ރޫޅިދާނެކަމުގެ ބިރަށްވެސް ﷲ ޙަރާމްކުރައްވަވާފައިވާ ކަމެއް ނަމަނަމަ ނުކުރާށެވެ! ހަމަޖެހުމާ އުފާވެރިކަން ލިބޭނީ ﷲ ގެ ރުހިވޮޑިގަތުން ލިބިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކައިވެނި ރޫޅިދާނެކަމުގެ ބިރަށްވެސް ﷲ
ޙަރާމްކުރައްވަވާފައިވާ ކަމެއް ނަމަނަމަ ނުކުރާށެވެ! ހަމަޖެހުމާ އުފާވެރިކަން
ލިބޭނީ ﷲ ގެ ރުހިވޮޑިގަތުން ލިބިގެން!

\އެއްވެސް މީހަކު ރުއްސަން ﷲ ތަޢާލާ ނަހީ

ކުރައްވަވާފައިވާ، އިސްލާމް ދީނާއި ޚިލާފް ކަމެއް ކުރުމުގެ ކުރިން ފުންކޮށް ވިސްނައިލާށެވެ! އެހެނީ ތިމާގެ މުސްތަޤްބަލްގެ ހުރިހާ ބާރުތަކެއް ވަނީ އެއްވެސް މީހެއްގެ އަތަކު ނޫނެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.

ތިބާ ރުއްސަން ތިއަ އުޅެވެނީވެސް ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤެކެވެ. އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ ވަރަށް ކުޑަކުޑަ ބާރެކެވެ. އެމީހާގެ މައްޗަށްވެސް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމަ ﷲ ތަޢާލާ އަށެވެ. އަދި ތިބާގެ މައްޗަށްވެސްމެއެވެ.

 

ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރުމުން ވަގުތުން ކޯފާ ބާވައި ނުލައްވަވަނީ އެކަލާނގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. ތައުބާވެ ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ފުރުޞަތު ދެއްވެވުމަށެވެ. ބައެއް ކަންކަމުގައި ވަގުތުން ކޯފާ ބާވައިލައްވަވާފައިވަނީ މީސްތަކުންނަށް ޢިބްރަތަކަށެވެ. ވިސްނައި ފިކުރުކުރުމަށެވެ. ޢަމަލުތައް އިޞްލާޙް ކުރުމަށް ފުރުޞަތު ދެއްވެވުމަށެވެ.

 

ވީމާ އެމީހަކީ ތިމާ ކިތަންމެ ލޯބިވާ މީހެއް ނަމަވެސް އަދި ކިތަންމެ ތާއީދުކުރާ މީހެއް ނަމަވެސް އެމީހަކު ރުއްސުމުން ކިތަންމެ ބޮޑު ދުނިޔަވީ މަންފާއެއް ލިބިދާނެ ކަމުގެ އުންމީދު އޮތް ނަމަވެސް އެއްވެސް މީހަކު ރުއްސަން ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ!

 

އެމީހަކީ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނަމަވެސް މިކަމުގައި އަމަލުކުރަން ޖެހޭނީ މި ބަޔާންކުރި އުޞޫލުންނެވެ. އަނބިން، ފިރިންނަށް ކިޔަމަންތެރިކަން އަދާކުރުން އޮތީވެސް ހަމަ މިބަޔާންކުރި އިމުގެ ތެރެއިންނެވެ.

 

ބައެއް ފިރިން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަމަށް އަނބިންގެ ގާތުން އެދެއެވެ. ޚާއްޞަކޮށް ލިވާޠުކުރަން ބޭނުންވުން ފާހަގަކޮށްލާނަމެވެ. ދެމަފިރިންކަމުގައިވީނަމަވެސް އެއީ ކަނޑައެޅިގެން ދިމާއަށް ފެންނަން އޮތް ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ފިރިމީހާ ކިތަންމެ މުހިންމުވެފައި ފިރިމީހާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި އެއްބާރުލުން ދިނުމެއް ނެތެވެ.

 

މިބަޔާންކުރި ކޮންމެ ޙާލަތެއްގައިވެސް ހިތްމައްޗަށް ގެންނަންވީ ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ އެއްވެސް މީހެއްގެ ކިބައިން ނޫން ކަމާއި ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތުން ކަމެވެ. މުޞީބާތްތައް ކުރިމަތި ކުރައްވަވާނީވެސް އަދި މުޞީބާތްތަކުން ސަލާމަތް ކުރައްވަވާނީ ވެސް ހަމަ ﷲ ތަޢާލާ ކަމެވެ. ވީމާ ކޮންމެ ކަމެއްގައިވެސް އޮތީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. ދުނިޔެއާއި އާޚިރަތް ސަލާމަތްކުރެވޭނެ އަދި ބާއްޖަވެރިކުރުވޭނެ ހަމައެކަނި މަގަކީ އެއީ އެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން