ކިތަންމެ ހިކިނަމަވެސް އަދި ފަލަނަމަވެސް ލޯބިން އެކުގަ އުޅޭނެ ބައިވެރިއަކު ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ކިތަންމެ ހިކިނަމަވެސް އަދި ފަލަނަމަވެސް ލޯބިން
އެކުގަ އުޅޭނެ ބައިވެރިއަކު ލިބޭނެ!

މިހާރަކަށް އައިސް ހިކިކޮށް ތިބޭ ބައެއް ކުދިންނަށް

ވިސްނެނީ އެހައިވަރަށް ހިކިވުމަކީ ލޯބިވާނެ މީހަކު ނުލިބިދާނެ ކަމެއް ކަމަށެވެ. ހަމައެގޮތަށް ފަލަކޮށްތިބޭ ކުދިންނަށްވެސް އެގޮތަށް ވިސްނެއެވެ.

ބުނަން ހެއްޔެވެ؟ އެމައްސަލަ ކުރިމަތިވާނީ ހަށިގަނޑުގެ ސިފައަށް ލޯބިވާނަމައެވެ. އަހުރެން ބުނަން އޮތީ ބުއްދިވެރިން ލޯބިވާނީ ހަށިގަނޑުގެ ސިފައަށް ނޫންކަމަށެވެ. ލޯބިވާނީ އަނެކާގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤީ ސިފަތަކަށް ކަމަށެވެ.

ފަލަވާން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ފަލަނުވާ މީހުން ތިބެއެވެ. އަދި ހިކެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ނުހިކޭ މީހުންވެސް ތިބެއެވެ. އެއީ އެމީހުންގެ ހަށިގަނޑު ހައްދަވާފައިވާ ގޮތުންނެވެ. އެއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.

ބުނަންހެއްޔެވެ؟ ހަށިގަނޑުގެ ސިފަ ކޮންމެ ގޮތަކަށް ހުރިނަމަވެސް އަޚްލާޤް ރަނގަޅުނަމަ ލޯބިވެ އެކުގައި އުޅޭނެ ބައިވެރިއަކު ލިބޭނެއެވެ. އިން ޝާ ﷲ. ސަބަބަކީ ހިކިމީހުންދެކެވެސް ފަލަމީހުން ދެކެވެސް ލޯބިވާނެ މީހުން ތިބޭނެއެވެ. އަދި އަޚްލާޤް ގޯސްނަމަ ލޯބިވިޔަސް އެކުގައި އުޅޭކަށް ގިނަ ބައަކު ބޭނުމެއް ނުވާނެއެވެ.

ގުޅުންހުރި ލިޔުމެއް:

އަޅުގަނޑަކީ ކުޑައިރުންސުރެ ފަލަކޮށް ހުންނަ އަންހެނަކީމެވެ. މިހާރު 30 އަހަރުވެއްޖެއެވެ. ބައެއް މީހުން ބުނަނީ ފަލަވުމަކީ ފިރިހެނުން ފޫހިވާ ކަމެއް ކަމަށާއި ފަލަކޮށް ހުންނަނަމަ ކައިވެނިކުރާނެ މީހަކު ނުލިބިދާނެ ކަމަށެވެ.

އަޅުގަނޑު ހިކޭކަށް މަސައްކަތެއް ނުކުރަމެވެ. ފަލަކޮށް ހުރިނަމަވެސް އަޅުގަނޑު ކުރަންޖެހޭ މަސައްކަތް ކުރަމެވެ. އެކަމކަށް ހުރަހެއް ނެތެވެ. ހިކެން މަސައްކަތް ނުކުރަނީ ހިކޭތަނުން ފިރިއަކު ލިބި ދުވަސްކޮޅަކުން އަލުން ފަލަވެއްޖެނަމަ ކައިވެނި ރޫޅިދާނެކަމުގެ ބިރު އޮތުމުންނެވެ.

މިޙާލަތުގައި އަޅުގަނޑު ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ހަށިގަނޑުގެ ބުރަދަން ހުންނަންވާވަރަށް ހުރުމަކީ ޞިއްޙީ ގޮތުން ބަލާއިރު އެންމެ ރަނގަޅު ގޮތެވެ. އެންމެ ފައިދާހުރި ގޮތެވެ. ވީމާ ޑޮކްޓަރުން ބުނާ މިންގަނޑުގައި ބަރުދަން ހިފަހައްޓަން މަސައްކަތްކުރަންވާނެއެވެ.

ދެން އޮތީ ކައިވެނީގެ މައްސަލައެވެ. ގިނަ ބައަކަށް ލޫޅާފަތި އަންހެނުން ރީތިވެއެވެ. ނަމަވެސް އެއީއަކީވެސް ކައިވެނި ނުރޫޅޭނެކަމުގެ ޔަޤީންކަން އޮތް ކަމެއް ނޫނެވެ. ކިތަންމެ ރީތިނަމަވެސް އަދި ލޫޅާފަތިނަމަވެސް ކައިވެނި އެބަ ރޫޅެއެވެ.

ލޫޅާފަތިކޮށް ތިބޭ އަންހެނުން ދެކެ ލޯބިވާ ފަދައިން ފަލަކޮށް ތިބޭ އަންހެނުންދެކެ ލޯބިވާ މީހުންވެސް އުޅެއެވެ. ހަމަ މިމާލޭގައި އެންމެ ލޯބިން އުޅެ އެކަން އެންމެންގެ ލޯތަކަށް ދައްކައިދިން ދެމަފިރިންގެ ތެރޭގައި އެކަކު ފަލަ މީހުން ހިމެނެއެވެ. ވީމާ ފަލަވުމަކީ ރަނގަޅު ބައިވެރިއަކު ނުލިބޭނެ ސަބަބެއްކަމަށް ބުނެވޭކަށްވެސް ނެތެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

އަނބިމީހާ ކިތަންމެ ފަލަވީނަމަވެސް ލޯބިވެގެން ކައިވެނިކުރަން އެކަން ހުރަހަކަށް ނުވާކަން ދުނިޔެއަށް ސާބިތުކޮށްދިން ދެ ކައިވެނި-

ފުރަތަމަ މިކިޔައިދެނީ ފަލަ އެހެން އަންހެނެއްގެވާހަކައެވެ. އެމަލީއަކީ ޑެންމާކަށް ނިޞްބަތްވާ އަންހެނެކެވެ. ފަލަކަމަށް މަޝްހޫރު އަންހެނެކެވެ. އޭނާގެ ދެކެ ސޯން ލޯބިވީ ސޯޝަލްމީޑިއާއިން އެމަލީގެ ފޮޓޯތައް ފެނިގެންނެވެ.

ދެމީހުން ވަނީ ކައިވެނިކޮށް ސޯންގެ ޤައުމުކަމަށްވާ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައެވެ. އެމަލީ ބުނަނީ އޭނާގެ ފަލަކަން ވެފައިވަނީ ފިރިމީހާ އޭނާ ދެކެ ލޯބިވާ ސަބަބަށް ކަމަށެވެ.

ދުނިޔޭގެ އެންމެ ފަލަ އަންހަނާކަމުގެ ރެކޯޑް ހޯދަން މަސައްކަތްކުރި މޮނިކާގެ ބަރުދަން 300 ކިލޯއަށްވުރެ ބަރުވެގެންދިއައެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެގެން ކައިވެނިކުރީ ހަމަ ހިކި ފިރިހެނަކާއެވެ. ސިޑް އޭނާގެ އަނބިމީހާ ފަލަވެގެން ކަންބޮޑެއް ނުވިއެވެ. ބޭނުންވީ އަނބިމީހާގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އިތުރަށް ފަލަވާނެ ބާވަތްތައް ކާންދޭށެވެ.

ނަމަވެސް ދެމަފިރިން ދަރިއަކު ބޭނުންވުމުން މޮނިކާވަނީ ހިކެން މަސައްކަތްކޮށް ދަރިއަކު ހޯދާފައެވެ.

--މިއަދުނޫސް

މިއަދު އޮންލައިން