ގެދޮރު އިމާރާތް ކުރަން ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ގެދޮރު އިމާރާތް ކުރަން ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަނީ

ގެދޮރު އިމާރާތް ކުރުމަށްޓަކައި ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ފަސްވަނަ އެޑިޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި އާންމު ރައްޔިތަކު ވަނީ ގެދޮރު އިމާރާތް ކުރުމަށް ލޯނު ހޯދުމުގައި ހުރި ދަތިތަކާއި ފަސޭހަ އިންތިޒާމްތަކެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއީ ސަރުކާރުން ހައްލުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ މުހިންމު މައްސަލައެއް ކަމަށެވެ.

ޚާއްސަކޮށް ގެދޮރު އިމާރާތް ކުރުމަށް ބޭންކުތަކުން ލޯނު ނަގާއިރު އިކުއިޓީ ދެއްކުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ޚާއްސަ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިކުއިޓި ޕޭމަންޓް ދައްކަން އެހީވުމަށް ސިސްޓަމެއް ހެދޭތޯ މި އުޅެނީ. އެންމެ ގިނަ މީހުން ބޭނުންވާ ކަންތައް އެއީ. ވަރަށް ބައިވަރު ފަންޑިން އަދި ވަގުތު އެކަމަށް ބޭނުންވޭ،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ނިޒާމެއް އެކުލަވާލުމަކީ ގިނަ އަދަދެއްގެ ރައްޔިތުން އެދޭ ކަމަކަށް ވީނަމަވެސް، އެކަމަށްޓަކައި ބޮޑެތި ފަންޑިންގތަކާއި ވަގުތު ބޭނުންވާ ކަމަށެވެ.

މިއަދު އޮންލައިން