ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ މާލޭގެ ގެއެއް ކަމަށްވާ ގ. ޕެލިކަންގޭގެ ވެރިފަރާތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، އެގޭގެ ވެރިޔާ އިބްރާހީމް ނާޘިމް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކޯޓެއްގައި ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މަސްތުވާތަކެތީގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި، އަތުގައި ބެހެއްޓުމާއި، އަދި އެފަދަ މުދަލާއި ފައިސާ ސިއްރުކުރުމަކީ ކުށެއް ކަމަށާއި އެކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމަށެވެ.
ގ. ޕެލިކަން ގެއަކީ 2019 ވަނަ އަހަރު ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި، އެތަނުގައި ހިންގަމުންދިޔަ ޑްރަގް ނެޓްވޯކްގެ މަސައްކަތްތައް ހުއްޓުވާފައިވާ ގެއެކެވެ. ފުލުހުންގެ ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި އެގޭގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރި ކުރުމުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރަން މަގުފަހިވާ ގޮތަށް ޑްރަގް ކާޓެލްއެއް ދިޔައީ ހިންގަމުންނެވެ. ފުލުހުންގެ އެ އޮޕަރޭޝަންގައި އެގެއިން ގިނަ އަދަދެއްގެ އެކި ބާވަތުގެ މަސްތުވާތަކެތި ހޯދައި، ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުންވެސް، އެގޭގައި މަސްތުވާތަކެތި ވިއްކާ ކަމަށް ހުށަހެޅުނު ތަފާތު އެކި މައްސަލަތަކުގައި ފުލުހުން އެކި ފަހަރު މަތިން އެގެޔަށް ވަދެ މަސްތުވާތަކެތި އަތުލައިގަނެ މީހުން ހައްޔަރުކޮށްފައިވެއެވެ.
ދައުލަތުން އިބްރާހީމް ނާޘިމްގެ މައްޗަށް ކުރި ދަޢުވާގައި ފާހަގަކޮށްފައިވަނީ، އޭނާގެ ބެލުމުގެ ދަށުގައި ހުރި އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އަދި އެ ތަކެތި ޕެޑްލް ކުރަމުންދާކަން އެނގިހުރެ ނުވަތަ އެކަން އެގޮތަށް ހިނގާކަމަށް ޤަބޫލުކުރެވޭނެ އެކަށީގެންވާ ޙާލަތެއް އޮވެމެ، އިބްރާހީމް ނާޘިމް އެކަމަށް ހުއްދަދީ މަގުފަހިކޮށްދީފައިވާ ކަމަށެވެ.
މި މައްސަލައިގެ ޝަރީޢަތް ނިންމައި ކޯޓުން ކަނޑައެޅީ، އިބްރާހީމް ނާޘިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާ 10 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.