ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގައި ޒިންމާދާރުވުމަށް އީސީން ނަސޭހަތްތެރިވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގައި ޒިންމާދާރުވުމަށް އީސީން ނަސޭހަތްތެރިވެއްޖެ!

ސިޔާސީ ޕާޓީތަކުން ބާއްވާ އެކި ހަރަކާތްތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވޭ ކަމަށް ބުނެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގައި ޒިންމާދާރުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނަސޭހަތްތެރިވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެމްބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި ޚިލާފު ކަމެއް ކަމަށެވެ. ޚިޔާލުފާޅުކުރުމަކީ ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤަކަށްވީ ނަމަވެސް، އެ ޙައްޤުގެ ބޭނުން ހިފުމުގައި ޒިންމާދާރުވުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން، ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާއި، ރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ޚިލާފުނުވުމަށް ވެސް އީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

އީސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މި މަހުގެ 5 ވަނަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅެއްގައި، ސަރުކާރުގެ 3 ވުޒާރާ ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ފުލުހަށް ހާޒިރުވުމުގެ ޗިޓާ ހަވާލުވެވަޑައިނުގެން އެމަނިކުފާނު ލިޔުމުން ދެއްވި ޖަވާބުގައި، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންވެސް ވަނީ ސާބިތު ނުހިފޭގޮތަށް ފުލުހުންގެ މަސައްކަތުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ބައެއް ސިޔާސީ ޕާޓީތަކުގެ ޕްލެޓްފޯމްތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމާއި، މީހުންގެ އަބުރު ގެއްލޭގޮތަށް ހަޤީގަތާއި ޚިލާފު ވާހަކަތައް ދައްކަމުންދާތީ އެކަމަށް ސަމާލުވުމަށް މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.

މިއަދު އޮންލައިން