8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ފަތުރުވެރިކަމުގެ ތަންތަނުގެ އެއްބަސްވުން އުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ފަތުރުވެރިކަމުގެ ތަންތަނުގެ އެއްބަސްވުން އުވާލަނީ

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ އައު ޤަވާޢިދެއް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޝާޢިއުކޮށްފިއެވެ. މި ޤަވާއިދުގެ ދަށުން 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލުމަށް ވަނީ ކަނޑައަޅާފައެވެ.

ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ބައެއް ރަށްތަކަކީ 25 އަހަރަށް ވުރެ ދިގު މުއްދަތެއް ވީއިރުވެސް އޮޕަރޭޝަނަށް ނުގެނެވި ހުރި ތަންތަން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށް ތަރައްޤީ ނުކުރެވި 168 ތަނެއް އެބައޮތެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ މި ޤަވާއިދު ތަންފީޒު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، "އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކޮށް، ފަޅު ރަށްރަށާއި ރައްތައް ނަންގަވައިގެން ދިގު މުއްދަތެއްގައި އެހެން ތިބުމަކީ ވަރަށް ރަނގަޅު ނޫން ކަމެއް. އެއްގޮތަކަށްވެސް އޮވެގެން ނުވާނެ. މިއީ ވަރަށް ދިގުމުއްދަތެއްގެ ތެރޭގައި އަޅާ ނުލާ ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޑް ކުރަން ރިކުއެސްޓް ކުރެއްވީމަ އެފައިސާ ބާކީ އޮންނަ މުއްދަތުގައި ބަހާލައިގެން ގެންދިޔަ ގެންދިއުމުގެ ނަތީޖާ މިއީ،" ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ފަށާފައިވާ މި މަސައްކަތުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމުގެ (ރިކަވަރީ) ފުރުޞަތު ފަހިވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން