ހިތްތަނަވަސްވުމާއި ހިތުގެ ހަމަޖެހުން ހޯދަން އެންމެ ފައިދާހުރި ގޮތްތައް!: ޝައިޚް ޑރ ޙަސަން ބުޚާރީ

ކިޔުމަށް ހޭދަވާނީ 1މ 27ސ
ހިތްތަނަވަސްވުމާއި ހިތުގެ ހަމަޖެހުން ހޯދަން އެންމެ ފައިދާހުރި ގޮތްތައް!: ޝައިޚް ޑރ ޙަސަން ބުޚާރީ

ޢާއިޝަތު ރަފާޙް ޢަލީ

 

އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސަބަބަކީ ﷲ ތަޢާލާ އެއްކައުވަންތަކުރުން (ތައުޙީދު) އެވެ. ދެވަނަ ކަމަކީ އަޅާގެ ހިތަށް ﷲ ތަޢާލާ ވެއްދެވި އަލިކަމެވެ. އެއީ އީމާންކަމުގެ އަލިކަމެވެ. ހިތްތައް ހުޅުވި، އުފާވެ، އަދި ތަނަވަސްވެގެންދަނީ ވެސް އެ އަލިކަމުގެ ސަބަބުންނެވެ. މި އަލިކަން ހިތުން ގެއްލިއްޖެނަމަ، ހިތް ހަރުކަށިވެ، އަނދިރިވެ، އަދި ވަށައިގެން އަނދިރިކަން ވެރިވެގެންދެއެވެ.

ތިންވަނަ ކަމަކީ ޝަރުޢީ ޢިލްމާއި، ﷲ ދެނެގަތުމުގެ ޢިލްމާއި، ﷲ ތަޢާލާއަށް މަގުދައްކައިދޭ މަގުތައް އެނގުމާއި، އެކަލާނގެ ދީނާއި ޙުކުމްތަކުގެ ޢިލްމެވެ. މިއީ ހިތްތައް ތަނަވަސްކޮށްދޭ އެންމެ ބޮޑު އެއް ކަންތަކެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ކިބައިން ވާރުތަވެގެންވާ ފައިދާހުރި ޢިލްމަކީ މީސްތަކުންގެ ހިތްތައް ހުޅުވައިދީ، ހިތްތަކަށް ތަނަވަސްކަން ގެނެސްދިން ޢިލްމެކެވެ. 

ހަތަރުވަނަ ސަބަބަކީ ﷲ އަށް ކިޔަމަންތެރިވެ (އެކަލާނގެ ޙަޟްރަތަށް އެނބުރި) އައުމާއި، އެކަލާނގެ ދެކެވާ ލޯބިން ހިތް ފުރާލުމާއި، ހެއްދެވި ރަސްކަލާނގެއާ ހިތް ގުޅުވުމާއި، އެކަލާނގެއަށް ކުރިމަތިލުމާއި، އަދި އަޅާ އެކަލާނގެއަށްޓަކައި ކުރާ އަޅުކަމާއި ކިޔަމަންތެރިކަމުން އުފާލިބިގަތުމެވެ. އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވާ ފަދައިން، އަޅާގެ ހިތް ތަނަވަސްކޮށްދިނުމުގައި މިއަށްވުރެ ބޮޑު އެއްޗެއް ނުވެއެވެ.  

ފަސްވަނަ ސަބަބަކީ، ކޮންމެ ޙާލަތެއްގައިވެސް އަދި ކޮންމެ ރަށެއްގައި (ތަނެއްގައި) ވީނަމަވެސް، ކެނޑިނޭޅި ﷲ ހަނދުމަކުރުމެވެ (ޒިކުރުކުރުމެވެ). މިއީ ﷲ ހަނދުމަކުރުމުގެ އެންމެ ބޮޑު އެއް ގޮތެވެ. މިއީ އެންމެ މަތިވެރި އަދި އެންމެ ޝަރަފުވެރި ޒިކުރެވެ.

 

- ޝައިޚް ޑރ ޙަސަން ބުޚާރީ

- މިއަދުނޫސް

 

 

މިއަދު އޮންލައިން