ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ކުޑަކުއްޖާއަށް، މަންމަ ތިމަންނާ ބަލަހައްޓާނެކަން ކަށަވަރުވެގެންވާ ހާލު، ތިބާގެ އަރިހަށް އަންނަ ފަދައިން ﷲ ގެ ހަޟްރަތަށް އަންނާށެވެ.
ތިބާގެ ފިރިހެން ދަރިފުޅު ނުވަތަ އަންހެން ދަރިފުޅު ހަގީގަތުގައިވެސް ގޯސް ކަމެއް ކުރުމަށްފަހު، ތިބާގެ އަރިހަށް އައިސް، "މަންމާ، ބައްޕާ! ތިމަންނާއަށް ކުށެއް ކުރެވިއްޖެ، އާދޭސްކޮށްފައި ބުނަން، ތިމަންނާއަށް މާފުކުރޭ!" މިހެން ބުނުމުން ތިބާގެ ހިތުގައިވާ ލޯބި ބަންޑުންވެގެންދެއެވެ. ދަރިފުޅު ލޮލުން ކަނޑައިގެންދާ ކަރުނައާއެކު މާފަށް އެދިގެން އައުމުން، ހިތުގައި ޙަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް ބޭއްވުމަކީ ތިބާއަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.
އެހެންވީއިރު، މަންމައަކު އެކަނބުލޭގެ ދަރިފުޅު ދެކެވާ ލޯތްބައްވުރެ، ﷲ އެކަލާނގެ އަޅާ ދެކެވާ ލޯބި ބޮޑުވެގެންވާ ކަމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާއިރު، އެކަލާނގެ މަޚްލޫގުން ދެކެވާ ލޯބި އަދި މާ ބޮޑުވާނެ ނޫންހެއްޔެވެ؟
ކުޑަކުއްޖަކު، މައިންބަފައިން ތިމަންނާ ބަލަހައްޓާނެކަން ކަށަވަރުވެގެންވާ ހާލު އެމީހުންގެ އަރިހަށް އަންނަ ފަދައިން، ތިބާ ﷲ ގެ ހަޟްރަތަށް ދާން މަސައްކަތްކުރާށެވެ. ތިބާ المَوْلَى (އެންމެހައި ކަންކަން ބަލަހައްޓަވާ ރަސްކަލާނގެ) ގެ ހަޟްރަތަށް އަދި الكَرِيم (ދީލަތިވަންތަ އިލާހު) ގެ ހަޟްރަތަށް އެނބުރި، "އަޅުގަނޑުގެ އެހެން އެއްވެސް ފަރާތެއް ނުވޭ، އިބައިލާހު އަޅުގަނޑު ބަލަހައްޓަވާނެ" ކަން ދެނެގެން ހުރެ ދަންނަވާށެވެ.
ﷲ އެކަލާނގެ ކީރިތިވަންތަކަމާއި، ذُو الجَلالِ وَالإِكْرَام (ކީރިތިވަންތަކަމާއި ދީލަތިވަންތަކަމުގެ ވެރި) ކަމާއި، އެކަލާނގެ ފުރިހަމަކަމާއެކު، ތިބާ އެކަލާނގެ ހަޟްރަތަށް އެނބުރި އައުމުން ދެން ދުވަހަކުވެސް ތިބާ ބޭކާރުވެގެންދިޔަ ނުދެއްވަވާނެއެވެ.
ތިބާގެ ހާލަތު ބަދަލުކޮށްލެވޭނެ އެންމެ ފަސޭހަ އެއް ގޮތަކީ ވިސްނުމުންނެވެ. ﷲ އާމެދު ތިބާގެ ހިތުގައިވާ ވިސްނުމާއި، ދިމާވާ ކަންކަމާމެދު ތިބާ ދެކޭގޮތް ބަދަލުކުރާށެވެ. އެކަން އެގޮތަށް ކުރުމުން، ތިބާގެ ހިތުގައި ﷲ އާމެދު "ޙުސްނުއްޛައްން" (ހެޔޮކޮށްހީކުރުން/ހެޔޮ އުންމީދު) އޮތްކަން ސާބިތުވެގެންދެއެވެ. އަދި ޙުސްނުއްޛައްން އުފެދޭނީ ﷲ އަށް ޙައްޤުގޮތުގައި އީމާންވާ ހިތަކުންނެވެ. ތިބާގެ ހިތުގައި އެ އީމާންކަން އޮތުމުން، ތިބާ ބޭނުންވާ ކަންތައް ﷲ ތިބާއަށް ދެއްވާނެއެވެ.
- ޑރ. ޔާސިރު ގާޟީގެ ދަރުސަކުން
- މިއަދުނޫސް