ފަލަސްތީނުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ޤައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ފަލަސްތީނުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ޤައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތުގެ ޙައްލެއް ހޯދުމާ ގުޅޭގޮތުން ދުނިޔޭގެ މުހިންމު 12 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަރުޙަބާ ކިޔައިފިއެވެ.

މި ބަޔާން ނެރެފައިވަނީ އިނގިރޭސިވިލާތް، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފަރަންސޭސިވިލާތް، އައިސްލޭންޑް، އަޔަލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން ގުޅިގެންނެވެ.

ދިވެހި ސަރުކާރުން ފާހަގަކުރި ގޮތުގައި، ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި، އެ ޤައުމުގެ ކުށެއްނެތް ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް، އެ ޤައުމުތަކުގެ ގުޅިފައިވާ ބަޔާނުގައި ފާޅުކޮށްފައިވާ ވަރުގަދަ އެއްބައިވަންތަ ޢަޒުމަކީ ދިވެހިރާއްޖެއިން ނުހަނު ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ބަލައިގަންނަ ކަމެކެވެ.

މި ކުރިއެރުމަކީ މެދުއިރުމަތީގެ ސަރަޙައްދުގައި ދެމެހެއްޓެނިވި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އަލުން އުފެދިގެންދިޔަ މުހިންމު ބާރެއް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ޞުލްޙައާއި، ސަލާމަތާއި، އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ދުނިޔޭގެ މުޖުތަމަޢުގެ މެދުގައި އިއްތިފާޤުވަމުންދާ މިންވަރު އިތުރުވަމުންދާކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އިސްރާއީލުން ޣައިރުޤާނޫނީ ގޮތެއްގައި ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް އިތުރުކުރުމަށް ހިންގާ އެންމެހައި މަޝްރޫޢުތަކާއި ހަރަކާތްތަކާ މުޅިން ދެކޮޅުކަން ދިވެހިރާއްޖެއިން ވަނީ މި ފުރުޞަތުގައިވެސް ތަކުރާރުކޮށް ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އަބަދުވެސް ތިބޭނީ ސާބިތުކަމާއެކު ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައެވެ. އެގޮތުން، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤާއި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި ދެމެހެއްޓެނިވި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ދޭ ފުރިހަމަ އެއްބާރުލުމާއި ތާޢީދު މަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ އަރުވާފައެވެ.

މިއަދު އޮންލައިން