އިސްލާމީ ހިދާޔަތުގައި 9 ސައްތަ އަހަރު ދެމިތިބެވުނީ ދިވެހީންގެ ވަރުގަދަ އަޤީދާގެ ސަބަބުން: އައްޝެއިޚް އަޙުމަދު ފަޙުމީދީދީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 28ސ
އިސްލާމީ ހިދާޔަތުގައި 9 ސައްތަ އަހަރު ދެމިތިބެވުނީ ދިވެހީންގެ ވަރުގަދަ އަޤީދާގެ ސަބަބުން: އައްޝެއިޚް އަޙުމަދު ފަޙުމީދީދީ

އިސްލާމީ ހިދާޔަތުގައި 9 ސައްތަ އަހަރު ދެމިތިބެވުނީ ދިވެހީންގެ ވަރުގަދަ އަޤީދާގެ ސަބަބުން: އައްޝެއިޚް އަޙުމަދު ފަޙުމީދީދީ

ނުވަ ސައްތަ އަހަރުގެ ދިގު މުއްދަތެއްގައި ދިވެހީން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިބުމުގެ އެންމެ ބޮޑު ސިއްރަކީ ދިވެހިންގެ ހިތްތަކުގައި އަށަގެންފައިވާ ވަރުގަދަ އިސްލާމީ ޢަޤީދާ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަޙުމަދު ފަޙުމީދީދީ ވިދާޅުވެއްޖެއެވެ. އައްޝައިހް އަޙްމަދު ފަހުމީ ދީދީ މިހެން ވިދާޅުވީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަހަރުގެ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެގޮތުން ރާވަމުންގެންދާ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޝައިހް ފަހުމީ ދީދީ ފާހަގަކުރެއްވި ގޮތުގައި، ދިވެހި ކުދިބޮޑު އެންމެހައި ރައްޔިތުން އިސްލާމްދީން މަތީ ދެމިތިބުމަށް ދިން ޚާއްޞަ އަހައްމިއްޔަތުކަމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި ދީނަށް އެކި ޒަމާންތަކުގައި ކުރިމަތިވި ނުރައްކާތަކުން ސަލާމަތްވުމަށް ދިވެހި ކާބަފައިން ވަނީ މަތިވެރި ޖިހާދެއް ކޮށްފައިވާކަމަށެވެ. އެގޮތުން، އަޖުދާދުން ކެތްތެރިކަމާއެކު މާތް ﷲ ގެ ހަޟްރަތުން ވާގިއެދި، ހިކުމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުތަކަށް އިލާހީ ނަޞްރާއި ރަޙްމަތް މިންވަރުކުރެއްވީ އެކަލާނގެ ދީނަށް ނަޞްރުދޭ ބަޔަކަށް ނަޞްރު ދެއްވާނެކަމުގެ ވަޢުދުފުޅާ އެއްގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ތާރީޚުގައި އިސްލާމްދީނާ ދެކޮޅަށް ހިންގުނު އެކިއެކި ހަރަކާތްތައް ރާއްޖޭގައި ނާކާމިޔާބުވެގެން ދިޔަ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޝެއިޚް ވިދާޅުވީ، އިސްލާމްދީނަކީ އެއްވެސް އޮޅުންބޮޅުމެއް ނެތް، އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލުކުރާ، ސާދާ ސީދާ ޙުކުމްތަކެއް އެކުލެވިގެންވާ ދީނަކަށް ވުމަކީ މީގެ މައިގަނޑު ސަބަބު ކަމަށެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިންނާއި ސަރުކާރުތަކުން އިސްލާމްދީން ޙިމާޔަތްކުރުމަށް ވަރުގަދަ ސިޔާސަތުތަކެއް ތަންފީޒުކުރައްވާފައިވުމަކީވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއްކަން ޝެއިހް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޒަމާނުއްސުރެ ދެމިއޮތުމުގެ އަނެއް މުހިންމު ތަނބަކީ، ތަޢުލީމީ ނިޒާމާއި ގޭތެރޭގެ ތަރުބިއްޔަތު ކަމަށް ޝެއިހް ވިދާޅުވިއެވެ. އެގޮތުން، މަދަރުސާތަކުގައާއި ގޭތެރޭގެ މާޙައުލުގައި ތުއްތުއިރުން ފެށިގެން ދީނުގެ ރުކުންތަކާއި، ނަމާދާއި، ވުޟޫއާއި، ޠަހާރަތުގެ ޙުކުމްތަކުގެ އިތުރުން ޢަރަބި އަކުރުތަކާއި ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ދެވިފައިވާ ޚާއްޞަ ސަމާލުކަމަކީ މި ބިންގާ ވަރުގަދަކޮށްދިން ކަމެއްކަމަށް ބަޔާންކުރެއްވިއެވެ.

އައްޝައިހް އަޙުމަދު ފަޙުމީދީދީ ވިދާޅުވީ، މިއަދުގެ ދުނިޔޭގައި ކުރިމަތިވަމުންދާ ފިކުރީ ނުރައްކާތަކުން ޖީލުތައް ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ކަމާބެހޭ ވުޒާރާތަކުން ގުޅިގެން ކުރަމުންދާ މިންނެތް މަސައްކަތްތަކާއެކު، އިރާދަކުރެއްވިއްޔާ ދިވެހި ޤައުމު އަބަދުވެސް ދާނީ އިސްލާމީ ހިދާޔަތުގެ މަތީގައި ސާބިތުކަމާއެކު ކުރިއަށް ކަމަށެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން