ޖީއެމްޓީއެމްއޯ އުފެއްދީ މާލޭގެ ޓްރެފިކް މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ހޯދުމަށް: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޖީއެމްޓީއެމްއޯ އުފެއްދީ މާލޭގެ ޓްރެފިކް މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ހޯދުމަށް: މިނިސްޓަރ

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) އުފައްދަވާފައިވަނީ މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާނެ ޚާއްޞަ ނިޒާމެއް ޤާއިމްކުރުމަށް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މާލޭގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، މި މައްސަލަ ހައްލުކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށެވެ. އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުވެސް ކުރައްވަން ބޭނުންފުޅުވި، ނަމަވެސް އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ނުވެ އޮތް ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަލަށް އުފެއްދެވި ޖީއެމްޓީއެމްއޯއަކީ ޤާނޫނީ ބާރު ލިބިފައިވާ އެޑްވައިޒަރީ ކައުންސިލެއްގެ ބެލުމުގެ ދަށުން ހިނގާނެ ތަނެކެވެ. މި ކައުންސިލުގައި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން، ހޯމް މިނިސްޓަރާއި، އެޓަރނީ ޖެނެރަލް އަދި އިންފްރާސްޓްރަކްޗަރ މިނިސްޓަރު ހިމެނިވަޑައިގަންނަވާނެއެވެ. 

މީގެއިތުރުން، މި އޮފީހަކީ އަވަސް ނިންމުންތައް (ރިއަލްޓައިމް ޑިސިޝަން) ނިންމޭ ގޮތަށް އިދާރީ ހިންގުން އެކުލަވާލެވިފައިވާ ތަނަކަށް ވުމުން، ޚިދުމަތް ހޯދުމުގައި އެކި ތަންތަނަށް ހިނގަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން