އައު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން އާންމު ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަމަށް މަގުފަހިކޮށްދޭނެ: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އައު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން އާންމު ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަމަށް މަގުފަހިކޮށްދޭނެ: މިނިސްޓަރ

އައު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން އާންމު ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަމަށް މަގުފަހިކޮށްދޭނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، އައު ޤާނޫނުގެ ދަށުން މާލެ ސަރަޙައްދަކީ "ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް" ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ. މީގެ މާނައަކީ ވެހިކަލް ރަޖިސްޓްރީ ނުކުރެވޭނެ ވާހަކަ ނޫން ކަމަށާއި، ރަޖިސްޓްރީ ކުރެވޭނީ ވަކި ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިން ކަމަށެވެ. އަދި ވެހިކަލް ރަޖިސްޓްރޭޝަނާއި އަހަރީ ފީން މާލެ ސަރަޙައްދުން އެކަނިވެސް އަހަރަކު 220 މިލިއަން ރުފިޔާ ލިބޭއިރު، އެ ފައިސާއަކީ ވަކި ޚާއްޞަ މަޤުޞަދެއްގައި ނެގޭ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ވެހިކަލް ބޭނުންކުރެވޭނެ އުމުރާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އައިޔޫއެމްގެ ދިރާސާއިން 15 އަހަރު ކަނޑައަޅަން ލަފާދީފައިވީ ނަމަވެސް، ރައްޔިތުންނަށް ތަކުލީފު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ނިންމެވީ މެދުމިންގަނޑެއްގެ ގޮތުގައި 20 އަހަރު ކަނޑައެޅުމަށެވެ. އަދި މި އުސޫލަށް އަމަލުކުރަން ފަށާނީ ޤާނޫނު ތަންފީޒުކުރާތާ 3 އަހަރު ފަހުންނެވެ.

އުމުރު ހަމަވާ ވެހިކަލްތައް އެއްލައިލަން ނުޖެހޭނެ ކަމަށާއި، ސަރުކާރުން އެއިރެއްގައި ކަނޑައަޅާ އުސޫލެއްގެ ދަށުން އަގު ދިނުމަށްފަހު އެ އުޅަނދުތައް ނަގާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން