ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ވަކި ފަރާތަކަށް ބުރަވެފައި ނޯންނާނެ: އިޤްތިޞާދީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ވަކި ފަރާތަކަށް ބުރަވެފައި ނޯންނާނެ: އިޤްތިޞާދީ ވުޒާރާ

ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ވަކި ފަރާތަކަށް ބުރަވެފައި ނޯންނާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މިހެން ވިދާޅުވެފައިވަނީ، ތިލަފުށި މަޝްރޫޢުގައި ބޭރުގެ ވަކި ބަޔަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ މީޑިއާ ރިޕޯޓުތަކާއި ގުޅިގެންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ތިލަފުށީގައި މިހާރު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ބަނދަރުގެ މަޝްރޫޢަށް ދިވެހި ސަރުކާރުން ވަކި ބަޔަކަށް އިސްކަންދީފައިވާ ކަމަށް ފަތުރަމުންދާ ޚަބަރު ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުން މިޒާތުގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އަދި މިމަޝްރޫޢު ހަވާލުކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރުން އިސްކަން ދިނީ، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް ކަމަށާއި، މިއީ އެއްވެސް ފަޅިއަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ތިލަފުށި ބައިނަލްއަޤުވާމީ ބަނދަރު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމާއި ހަމައަށް، އަދި އޭގެފަހުންވެސް މި ބަނދަރު އޮންނާނީ ދިވެހިރާއްޖޭގެ މިލްކެއްގެ ގޮތުގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމަކީ އެއްވެސް ފަރާތަކަށް ދޫދެވޭނެ ކަމެއް ނޫންކަމަށް ސަރުކާރުން ވިދާޅުވިއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ނިންމުންތަކަކީ، މިހާރުގެ އަދި މުސްތަޤުބަލުގެ ބައިވެރިއަކަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވާ އިމާއި ޤައުމީ މަސްލަހަތުގެ ބޭރުން ބަސް ބުނެވޭނެ ކަމެއް ނޫންކަމަށް އެވުޒާރާއިން ހާމަކުރައްވައެވެ.

ވަޒީރު މުޙައްމަދު ސަޢީދާއި ހަވާލާދީ އިޤްތިޞާދީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ، ތިލަފުށި ބައިނަލްއަޤުވާމީ ބަނދަރަކީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދޭ ތަނެއް ކަމަށާއި، އެއީ ޤައުމުގެ ފާގަތިކަމާއި ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި އެ މަސައްކަތަކީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާއި ގުޅުވައި ދެއްކޭނެ ވާހަކައެއް ނޫން ކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް ރާއްޖެއާއިއެކު މަސައްކަތް ކުރާ ބައިވެރިންގެ އަގުވަޒަން ކުރާ ކަމަށް ވަޒީރާއި ހަވާލާދީ މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން