ލައިސެންސް ނެތި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ކުށެއް ކަމަށާއި، ލައިސަންސް ނެތް ފަރާތްތަކާއެކު މިފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ޚާއްޞަ ލައިސަންސެއް އޮވެގެން ކަމަށް ބޭރު ފައިސާއާބެހޭ ޤާނޫނާއި މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބައެއް ފަރާތްތަކުން އެމްއެމްއޭގެ ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ލައިސެންސް ނެތި މިފަދަ ވިޔަފާރި ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެމްއެމްއޭގެ ހުއްދަ ނުވަތަ ލައިސަންސް ނެތި މި ވިޔަފާރި ހިންގާ ފަރާތްތަކާއެކު އެއްވެސް ބާވަތެއްގެ ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތް ނުކުރުމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީ އިލްތިމާސްކޮށްފައެވެ.