ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިއަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިއަން ރުފިޔާ ދޫކޮށްފި

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ މަހު 17.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ 3،357 މީހަކަށާއި، އެ މީހުންގެ ބެލުމުގެ ދަށުގައިވާ 5،206 ކުޑަކުދިންނަށް އެހީ ދީފައިވެއެވެ. މި އެހީގެ ގޮތުގައި ޖުމްލަ 17،469،000 (ސަތާރަ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އެދި އަލަށް 87 މީހަކު އަދި 179 ކުޑަކުދިންނަށް އެހީ ހޯދުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް އެ އެޖެންސީން ހާމަކުރެއެވެ.

ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުން ބަލަހައްޓަމުންދާ ކުދިންނަށް ވެސް ދައުލަތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ މަހު 101 ބެލެނިވެރިއަކަށާއި، އެ ފަރާތްތަކުން ބަލަހައްޓާ 137 ކުދިންނަށް މާލީ އެހީގެ ގޮތުގައި 187،500 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އެހީ ހޯދުމަށް މިދިޔަ މަހު އަލަށް 4 ބެލެނިވެރިއަކު ރަޖިސްޓްރީވެފައިވެއެވެ.

އެންސްޕާގެ ހިސާބުތައް އިތުރަށް ދައްކާގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންގެ ތެރެއިން 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް އެހީގެ ގޮތުގައި 26،200 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ހަމައެއާއެކު، ސިއްހީ ހާލަތްތަކާ ގުޅިގެން ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން، ތެލެސީމިއާ އެލަވަންސްގެ ގޮތުގައި މިދިޔަ މަހު 535 ފަރާތަކަށް ޖުމްލަ 1،070،000 (އެއް މިލިއަން ހަތްދިހަ ހާސް) ރުފިޔާ ވަނީ ދީފައެވެ. އަދި އަލަށް 4 ފަރާތަކަށް ތެލެސީމިއާ އެލަވަންސް ވަނީ ހަމަޖައްސައިދީފައެވެ.

ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެންސްޕާއިން އަންނަނީ މުޖުތަމައުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް ދެނެގަނެ، ގަވާއިދުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު އޮންލައިން