ސަރުކާރުގެ މާލީ ނިޒާމުގެ ތެރޭގައި އިސްލާމިކް ފައިނޭންސް ހިމަނަން އިސްކަންދޭންޖެހޭ: ޑެޕިއުޓީ މިނިސްޓަރ ސާއިދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަރުކާރުގެ މާލީ ނިޒާމުގެ ތެރޭގައި އިސްލާމިކް ފައިނޭންސް ހިމަނަން އިސްކަންދޭންޖެހޭ: ޑެޕިއުޓީ މިނިސްޓަރ ސާއިދު

ދައުލަތުގެ މާލީ އޮނިގަނޑާއި އިޤްތިޞާދީ ނިޒާމުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސާއިދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިމަހުގެ 8 ވަނަ ދުވަހު ބޭއްވި "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް އެންޑް ޓްރޭނިންގ ކޭމްޕް" (އައި.އީ.ޓީ.ސީ) 2026 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ލަނޑުދަނޑި ހާސިލުކުރުމުގައި، އެކި ދާއިރާތައް ގުޅުވައިދޭ ބައިނަލްއަޤްވާމީ ކޮންފަރެންސްތަކުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އިން ވެދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށެވެ. ޑެޕިއުޓީ މިނިސްޓަރ ސާއިދުގެ ވާހަކަފުޅުގައި، އިސްލާމީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ ވަސީލަތްތައް ޢަދުލުވެރިކަމާއެކު ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގެ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވައިލެއްވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން