ވެހިކަލް ފީތަކުން ލިބޭ ހުރިހާ ފައިސާއެއް ކުރިއަށް އޮތް ތަނުގައި ބޭނުންކުރާނީ ޓްރެފިކް މައްސަލަ ޙައްލުކުރުމަށް: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ވެހިކަލް ފީތަކުން ލިބޭ ހުރިހާ ފައިސާއެއް ކުރިއަށް އޮތް ތަނުގައި ބޭނުންކުރާނީ ޓްރެފިކް މައްސަލަ ޙައްލުކުރުމަށް: ވަޒީރު ސަޢީދު

ވެހިކަލުތަކާ ގުޅިގެން ނަގާ އެކި ފީތަކުން ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް، ކުރިއަށް އޮތް ތަނުގައި ބޭނުންކުރާނީ މަގުތަކުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ދަތުރުފަތުރުގެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ 'ގްރޭޓަރ މާލެ މޯބިލިޓީ އެންޑް ޓްރާންސްޕޯޓް އޮފީސް' އިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުތަކަށް ބޮޑު ބަޖެޓެއް ބޭނުންވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 11 މައްސަލައެއް ހައްލުކުރުމަށް އެ އޮފީހުން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެ އޮފީހުގެ ޕްލޭންތަކުގެ ތެރޭގައި ހަނި މަގުތަކުގެ ފަރުމާއަށް ބަދަލު ގެނައުމާއި، މާލޭގެ ޓްރެފިކް މޮނީޓަރކުރާނެ ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމާއި، މަގުތަކުގައި ޓްރެފިކް ލައިޓްތައް އިތުރުކުރުމުގެ އިތުރުން، ޕާކިންގ މައްސަލަ ހައްލުކުރުމަށް އައު އިޖާދީ ކަންތައްތަކެއް ކުރުން ހިމެނެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ފީއާއި އަހަރީ ފީގެ ގޮތުގައި މާލޭ ސަރަޙައްދުން އެކަނިވެސް އަހަރަކު 220 މިލިއަން ރުފިޔާ ލިބޭ ކަމަށެވެ. އެހެންކަމުން ވެހިކަލް ބޭނުންކުރާ ފަރާތްތަކުން ދައްކާ މި ފައިސާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޚާއްޞަކުރެވިއްޖެނަމަ، އެ މަސައްކަތްތަކަށް އެކަށީގެންވާ ފައިސާ ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު އޮތް ގޮތުން މި ފައިސާ މިދަނީ މާލޭ ސިޓީ ކައުންސިލަށް. މާލޭ ސިޓީ ކައުންސިލަށް ދިޔައީމައި ކުރީ ދުވަހު މޭޔަރު ވިދާޅުވީ މި ފައިސާ ބޭނުންކުރަނީ އެތާ ހިންގާ އެހެން ހަރަކާތްތަކަށޭ. އޭގެ ތެރޭގައި ވިދާޅުވި ޑިސާސްޓާ މެނޭޖުމެންޓު ކަންކަމާއި މިސްކިތް ބެލެހެއްޓުމާއި، ރައްޔިތުން މި ފައިސާ ކެނޑިގެން ކަންބޮޑުވެދާނެ ހުރިހާ ވާހަކައެއް ދެއްކެވި،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެހިކަލް ރަޖިސްޓްރޭޝަން ފީއާއި އަހަރީ ފީއަކީ ވަކި ޚާއްޞަ މަޤްޞަދެއްގައި ނަގަމުންދާ ފީތަކެކެވެ. އަދި ސިޓީ ކައުންސިލުން ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓާއި، އެހެނިހެން ގޮތްގޮތުން ކައުންސިލަށް ލިބޭ އާމްދަނީ ބޭނުންކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން