އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް (އައިއީޓީސީ 2026) ރޭ ރަސްމީކޮށް ފަށައިފިއެވެ. މިއީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކ. ތުލުސްދޫގައި ކުރިއަށްގެންދާ މި ކޭމްޕު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާއެވެ. މިއީ މި ޓްރެއިނިން ކޭމްޕް ބާއްވާ ހަތަރުވަނަ އަހަރެވެ.
މި އަހަރުގެ ކޭމްޕުގެ ޝިޢާރަކީ "އެޑްވާންސިން އިސްލާމިކް އިކޮނޮމިކްސް ފޯ ގްލޯބަލް ސަސްޓެއިނަބިލިޓީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް" އެވެ.
އައިޔޫއެމްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މި ކޭމްޕް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ޒަކާތާއި ވަޤުފާއި އިސްލާމިކް ސޯޝަލް ފައިނޭންސް ފަދަ އިސްލާމީ އިޤްތިޞާދީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަރަމުން އަންނަ އަދި ނާޒުކު އިޤްތިޞާދުތަކުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ޝާމިލު ކުރިއެރުން ހޯދޭނެ ގޮތްތަކާ މެދު ބައިވެރިން ދިރާސާކުރާނެއެވެ.