ރާއްޖެއިން ޞިއްޙީ ދާއިރާގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފިއެވެ.
ދިވެހިރާއްޖެއަށް މި އެވޯޑު އަރުވާފައިވަނީ މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ކާމިޔާބީއާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި، ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދިގުމުއްދަތުގެ ބަލިތަކުގެ ސަބަބުން ދުވަސްނުފުރާ މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސްޑީޖީ ޓާގެޓް)، 2030 ވަނަ އަހަރުގެ މުއްދަތުގެ މާ ކުރިން ރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ. އަދި މިއީ މި ސަރަހައްދުން މި ލަނޑުދަނޑި ހާސިލުކުރި ހަމައެކަނި ޤައުމުކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މައިންނާއި ވިހާ ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅި ފަހުން، އެކަން އެގޮތުގައި ދެމެހެއްޓުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް 10 އަހަރު ފުރިފައިވާތީ، އެ ކާމިޔާބީވެސް ޑަބްލިޔުއެޗްއޯއިން ވަނީ ބަލައިގެންފައެވެ.