ގްރޭޓަރ މާލެ ސަރަހައްދުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތަކުގެ ތެރެއިން މަލްޓި ސްޓޯރީ ދެ ޕާކިން ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ސޯސަން މަގުގައި ހުރި ޕާކިން ޒޯނާއި، ހީނާމާގެ ޕާކިން ޒޯނުގައި ޕާކިން ބިލްޑިންތައް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވި، އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނުގެ ދަށުން، ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން މުޅި މާލެ ސަރަހައްދުގައި ޖުމްލަ 7 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ޕާކިން އިމާރާތްތައް ތަރައްޤީކޮށް ނިމުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 ޖާގަ ލިބިގެންދާނެއެވެ.