މާލެ ސަރަހައްދުގައި ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މާލެ ސަރަހައްދުގައި ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަނީ

މާލެ ސަރަހައްދުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަލަށް ތަސްދީގުކުރެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ މާލެ ސަރަހައްދުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބޭރުގެ އެހީ ހޯދައިގެން ނަމަވެސް އެ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރަން ސަރުކާރުން ބޭނުންވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ "މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ އެއްގަމު ދަތުުރުފަތުރުގެ ގާނޫނުގެ ތެރެއިން ކުރާނެ އެންމެ ވަރުގަދަ އެއް މަސައްކަތް. މި މަސައްކަތް ބޭރުގެ އެހީ ހޯދައިގެން ނަމަވެސް ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރުމަށްޓަކައި މީގައި ކަނޑައަޅާފައި އޮތް އެއް އޭރިއާ" ކަމަށެވެ.

މީގެއިތުރުން، އައު ގާނޫނުގެ ދަށުން މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ހިންގުމަށްޓަކައި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި ހާއްސަ އިދާރާއެއް އުފެއްދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޓްރެފިކާ ގުޅޭ ކަންކަން ވީ އެންމެ ބޮޑަށް ޑިޖިޓަލައިޒް ކުރާނެ ކަމަށާއި އެ ކަމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ. މި ސެންޓަރު ގާއިމުވުމުން ފުލުހުންނަށް މަގުތަކުގެ ހާލަތު ބަލައިލެވޭނެ ކަމަށާއި، ޓްރެފިކް ބޮޑުވާ ވަގުތުތަކުގައި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޓްރެފިކް ފަސޭހައިން ރީޑައިރެކްޓް ކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން