ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްއާއި ގައުމީ އެއާލައިން މޯލްޑިވިއަންއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މި ބައްދަލުވުމާ ގުޅޭގޮތުން ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ފަތުރުވެރިކަމުގެ ކުރިއެރުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ މުހިންމު މާކެޓުތަކަށް ވާސިލުވުމުގެ ފުރުސަތުތައް ފުޅާކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ އިދާރާގެ އިސްވެރިންގެ މެދުގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.