މާލޭގައި އަލަށް ޤާއިމުކުރާ ބޮޑު ފެން ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: އެމްޑަބްލިއުއެސްސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
މާލޭގައި އަލަށް ޤާއިމުކުރާ ބޮޑު ފެން ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: އެމްޑަބްލިއުއެސްސީ

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މާލޭގައި ޤާއިމުކުރަމުންދާ އައު ފެން ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމައި، ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ އިންފްރާސްޓްރަކްޗަރއަކީ މީގެ 30 ހަކަށް އަހަރު ކުރީގެ ނިޒާމެއް ކަމަށެވެ. އަދި މިހާރު ހުރި ކޮންކްރީޓް ތާނގީތަކުން ފެން ލީކުވުން ފަދަ މައްސަލަތައް ދިމާވުމުން، އެ ތަންތަން މެއިންޓެއިންކޮށް ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު އަދި އެންމެ އުސް ފެން ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ބަހައްޓަނީ 20،000 ލީޓަރުގެ ތާނގީއެއް ކަމަށާއި، މިހާރު ތާނގީއަށް އޯޑަރުދީ، އޭގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރަށް މިހާރު ބޭނުންކުރަމުންދާ ތާނގީ ޑީކޮމިޝަންކޮށް، އައު ތާނގީއަށް ފެން ޓްރާންސްފަރ ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.

"އަޅުގަނޑުމެން އަލަށް މި ގެންނަ ބޮޑު ތާނގި ގާތްގަނޑަކަށް 10 ބުރި އިމާރާތެއްގެ އުސް ތާނގިއެއް، އެ ތާނގިއަށް އޯޑަރު ކުރެވި އޭގެ ފައުންޑޭޝަން އެޅި، މިއަންނަ އަހަރުގެ ސެޕްޓެމްބަރަށް މިހާރު ބޭނުންކުރާ ތާނގި ޑީކޮމިނިޝަންކޮށް އައު ތާނގީއަށް ފެން ޓްރާންސްފަރކޮށް ނިމޭނެ. މިއީ މާލޭގެ ވޯޓަރ ސެކިއުރިޓީއަށް ލިބޭ ވަރަށް ބޮޑު ޔަޤީންކަމެއް. ސަބަބަކީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މި ތާނގި ނިމި، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގައިން ހުޅުމާލެއަށް ފެން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ،" ފަހުމީ ވިދާޅުވިއެވެ.

މި މަޝްރޫޢު ނިމުމުން ވެރިރަށް މާލޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުވެ، މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން