ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން 3.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން 3.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން 3.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ސަރުކާރުގެ ޚަރަދުގައި އާންމު އިޖުތިމާޢީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ކުރި ޚަރަދުތަކުގެ ތަފްޞީލު ވަނީ ހާމަކޮށްފައެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް އޮގަސްޓު މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުވެފައިވަނީ 3.8 ބިލިޔަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް 5.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ސަރުކާރުގެ ޚަރަދުގައި އެކި ދާއިރާތަކަށް ބަހާލައިގެން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މި މުއްދަތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނެވެ. އެގޮތުން އިޤްތިޞާދީ ދާއިރާއިން ކުރި ޚަރަދު 1.6 ބިލިޔަން ރުފިޔާއަށް އަރައެވެ. މި ދާއިރާގެ ތެރެއިން ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެއީ 1.3 ބިލިޔަން ރުފިޔާއެވެ.

މީގެއިތުރުން، ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 646.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ޚަރަދުވި 355.4 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އާންމު ޚިދުމަތުގެ ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. އެ ބަޔަށް 641.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.

މިއަދު އޮންލައިން