އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މައި ދޮރާށި ކަމަށްވާ ލިންކްރޯޑް ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ލިންކް ރޯޑުގެ މަޝްރޫޢަކީ ގުޅިފައިވާ ސިޓީގެ ހުރިހާ ރައްޔިތުންގެ ވެސް ޒަމާންވީ ބޮޑު ކަންބޮޑުވުމަކާ ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ. މީގެ 23 އަހަރު ކުރިން، 2003 ވަނަ އަހަރު ހަދައި ނިންމި މި މަގު، ވޭތުވެދިޔަ ދިގު މުއްދަތުގައި އެކަށީގެންވާ ގޮތެއްގައި މަރާމާތު ކުރެވިފައި ނުވެއެވެ. އޭގެ ސަބަބުން މަގުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވެފައިވާތީ ރައްޔިތުން އަބަދުވެސް އައީ މިކަމުގެ ޝަކުވާ ކުރަމުންނެވެ.
މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި އާރްޑީސީން ވަނީ މަސައްކަތަށް ބޭނުންވާ ވެހިކަލްތައް އައްޑޫއަށް ގެންގޮސްފައެވެ. އަދި ލިންކް ރޯޑްގެ ހައިވޭއާ ދިމާލުން 4 ލޭނަށް ތަރައްޤީކުރާ ސަރަޙައްދުގައި ހުރި ގަސްތައް ނަގައި އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމާއި، މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ.
ނަމަވެސް އެ މަސައްކަތްތަކަށްފަހު މައިގަނޑު ޢަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ އަންނަ މަހެއްހާ ދުވަހުގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ވީހާވެސް އަވަހަކަށް މި މަޝްރޫޢު ނިންމައި، ރައްޔިތުންނަށް އަމާން އަދި ލުއިފަސޭހަ ދަތުރުފަތުރެއްގެ ނިޒާމު ޤާއިމުކޮށްދިނުމަށެވެ.