ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށް ވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފައްދަން ތައްޔާރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށް ވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފައްދަން ތައްޔާރުވެއްޖެ

ދިވެހިރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށް ވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ (ރިނިއުއަބަލް އެނާޖީ) އުފެއްދުމުގެ ނިޒާމުތައް ގާއިމުކުރުމަށް ކަމާބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ "އެސްޕަޔަރ" (ASPIRE) އަދި "އެރައިޒް" (ARISE) ޕްރޮޖެކްޓްގެ ދަށުންނެވެ.

މި މުހިންމު މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުން އިތުރުކުރުމެވެ. މިކަމުގެ ސަބަބުން ތެޔޮ އިމްޕޯރޓް ކުރުމަށް ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަވެ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 24 ރަށެއްގައި މި ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން