ޤައުމީ ފެންވަރުގައި އަހަރަކު އެއްފަހަރު 'ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް' ގެ ގޮތުގައި ދުވަހެއް ފާހަގަކުރުމަށާއި، މިކަމާ ގުޅޭ ޚާއްޞަ ޤައުމީ މަޝްރޫޢެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަމުގެ ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
މި ނިންމެވުމަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. މިއީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމެކެވެ.
މި ނިންމެވުމުގެ ދަށުން މުޅި ރާއްޖޭގައި އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" އެވެ. މީގެއިތުރުން، ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރާ ދުވަސް ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރުމުގެ ގޮތުން މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މި ކޮމިޓީގައި ކަމާބެހޭ ވުޒާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ހިމެނެއެވެ. މީގެއިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އަދި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ވެސް މި ކޮމިޓީގައި ބައިވެރިވާނެއެވެ.