ހުޅުމާލޭގައި ސްޕާ އަދި ސެލޫންގެ ގޮތުގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ހާއްސަ އިންސްޕެކްޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، މިއީ ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އިންސްޕެކްޝަނެއް ކަމަށެވެ. މި އިންސްޕެކްޝަނަކީ ހުޅުމާލޭގައި ހިންގާ ސެލޫން އަދި ސްޕާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ބެލި ބެލުމުން، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ކަން ފާހަގަކުރެވުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.