ޢުމަރުގެފާނުގެ ހަށިކޮޅުން ފެންނަން ހުރި ކަންކަމުން އަހުރެމެން ލިބިގަންނަންޖެހޭ ފިލާވަޅު ލިގަނެވިއްޖެނަމަ ސުވަރުގެ ޙައްޤުވާ މީހަކަށްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޢުމަރުގެފާނުގެ ހަށިކޮޅުން ފެންނަން ހުރި ކަންކަމުން އަހުރެމެން ލިބިގަންނަންޖެހޭ ފިލާވަޅު ލިގަނެވިއްޖެނަމަ ސުވަރުގެ ޙައްޤުވާ މީހަކަށްވެވޭނެ! އިން ޝާ ﷲ

އަހުރެމެން އެންމެންވެސް މަސައްކަތް މިކުރަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށެވެ. ތަފާތުވެގެން މިއުޅެނީ މަސައްކަތްކުރެވޭ ގޮތެވެ. ޢުމަރުގެފާނާއި އަހުރެމެންނާއި ހުރި އެންމެ ބޮޑު ތަފާތަކީ އެއީއެވެ. ވީމާ މިކަންކަމަށް ވިސްނަން އެބަޖެހެއެވެ.  

އަހުރެން މިހެން ބުނީތީ އަހުރެން ދެކެ ރުޅިނުއަންނާށެވެ. އަހުރެން މިބުނަނީ އަހުރެންނަށް ވިސްނި އަހުރެން އެކަން ޤަބޫލުކުރާ ގޮތަށެވެ. އެކަން އަހުރެންނަށް ވިސްނޭ ގޮތަށެވެ.  

މިއަދު ގިނަ ބައަކު އިސްލާމް ދީނާއި، ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާކަމަށް ބުނަނީ ދުނިޔަވީ ސަބަބަކަށްޓަކައި ނޫންކަމަށް ޤަބޫލުކުރަން އުނދަގުލެވެ. އެހެން ބުނަން މިޖެހެނީ އެމީހުންގެ ޢަމަލުތަކުން އެމީހުން ﷲ ތަޢާލާއަށް ބިރުވެތިވާކަން ނުދެއްކޭތީއެވެ.  

ބުނަން ހެއްޔެވެ؟ ޢުމަރުގެފާނުގެ މޫނުފުޅުގައި ލަކުނުތައް ހުރުމުން އެމޫނުފުޅު އަހުރެމެންނަށް ރީތި ނުވެދާނެއެވެ. ނަމަވެސް އެމޫނުފުޅަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ރިވެތިކަން ބޮޑުވެގެންވާ މޫނުފުޅެކެވެ. ސަބަބަކީ އެލަކުނުތައް ލާފައި އެހުރީ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވެޑައިގެން ކަރުނަފުޅު އޮއްސެވިލެއް ގިނަކަމުން ކަމަށްވާތީއެވެ.  

ޢުމަރުގެފާނުގެ ކޮނޑުފުޅާއި ކަނދުރާފުޅުގައި ކުރަހުރުމުން އަހުރެމެންނަށް ރީތި ނުވެދާނެއެވެ. ނަމަވެސް އެކުރަތައް އެހުރީ އަމީރުލްމުއްމިނީނަކަށް ހުންނަވައިގެންވެސް ސިއްރިޔާތުގައި ފަޤީރުންގެ ގޭގެއަށް އެކޮނޑުފުޅުގައި (މީސްތަކުންނަށް ސިއްރިޔާތުގައި) ކާބޯތަކެތި އުފުއްލެވީތީއެވެ.

ދެން އޮތީ އެންމެ ބޮޑުވާހަކައެވެ. ޢުމަރުގެފާނުގެ ސިފަފުޅު އަހުރެމެންނަށް ރީތިނުވާއިރު ޝައިޠޯނާއަށް ޢުމަރުގެފާނު ފެނުމުން ބިރުން ފިލައެވެ. އެއީ އެކަލޭގެފާނުގެ އީމާންކަން ވަރުގަދަކަމުންނެވެ.  

ދެން ނިކަން ބުނެބަލާށެވެ! އީމާން ކަމުގައި އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވެވޭހެއްޔެވެ؟ ސިއްރިޔާތުގައި ޞަދަޤާތްކޮށް ﷲ ތަޢާލާގެ ޙަޟްރަތުން މަތީ ދަރަޖަ ހޯދަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟  

އަހުރެން ބުނިބަހަށް އަހުރެންދެކެ ރުޅިއަންނަނަމަ އަންނަންވާނީ ތެދުވެރިކަމާއިއެކު އެމީހެއްގެ އަމިއްލަ ނަފްސް އަމިއްލައަށް މިކަންކަމަށް ހިސާބުކޮށްލުމަށްފަހުގައެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން