ޢަލީ އިޙްޞާން ފިރާޤް
މާތް ރަސޫލާގެ ލޯބިފުޅު:
މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނު ދެކެ ވަރަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަމަނާއަށް ޤަދަރު ކުރައްވާ ހަމްދަރުދީވެވަޑައިގަންނަވައެވެ. ޞަފިއްޔަތުގެފާނުވެސް މާތް ރަސޫލާ ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަބަދުވެސް އެކަމަނާގެ ހިމާޔަތުގައި ހުންނަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ރަމަޟާންމަހުގެ ރޭތަކުގައި މިސްކިތުގައި އިޢުތިކާފަށް އިންނަވާއިރުވެސް ޞަފިއްޔަތުގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ޙާލުކޮޅު ބައްލަވައެވެ.
ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ރަޟަމާން މަހުގެ ފަހު ދިހަ ރޭތަކުގައި އިޢުތިކާފަށް އިންނަވަނިކޮށް ޞަފިއްޔަތުގެފާނު އެކަލޭގެފާނުގެ އަރިހަށް ޒިޔާރާތް ކުރެއްވިއެވެ. އެކަމަނާ އެކަލޭގެފާނާ ވާހަކަފުޅުދެއްކެވުމަށް އިރުކޮޅަކު މަޑުކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާ އުޅުއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ ގެކޮޅަށް ލައި ދިނުމަށްޓަކައި ވަޑައިގެންނެވިއެވެ. މިސްކިތުގެ ދޮރުކޮޅާ ހަމައިން ދެ އަންޞާރުންގެ ބޭކަލުންނާ ބައްދަލުވެވަޑައިގަތެވެ. އެ ދެ ބޭކަލުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސަލާމް ދެންނެވުމަށްފަހު ވަޑައިގަންނަވާން ފެއްޓެވުމުން މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [މިއީ ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ޞަފިއްޔާއެވެ.] އެ ދެ ބޭކަލުން ދެންވިއެވެ. [ޞުބްޙާނަﷲއެވެ. ކަލޭގެފާނާ މެދު ނުބައި ހީއެއް އަޅުގަނޑުމެން ނުކުރަމެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރު ކުރާ ފަދައިން ޝައިތާނާ އިންސާނާގެ ހަށިގަނޑުގައި ދަތުރުކުރެއެވެ. (ތިމަންކަލޭގެފާނު އަންހެން ބޭފުޅަކާއެކު މިކަހަލަ ވަގުތެއްގައި ހުރިތަން ފެނުމުން) ޝައިތާނާ ތިޔަބޭކަލުންގެ ހިތުގައި ނުބައި ހީއެއް އުފައްދަފާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީއެވެ] (ޞަޙީޙުލް ބުޚާރީ، ޙަދީޘް ނަންބަރު، 2030).
މި ޙާދިޘާއިން ދޭހަވަނީ ރޭގަނޑުގެ ވަގުތުގައި އެކަމަނާގެ ޢިއްފަތްތެރިކަމާއި އަބުރުފުޅު ރައްކާތެރިކުރެއްވުމަށްޓަކައި، މާތް ނަބިއްޔާ صلّى اللّـه عليه وسلّم އިސްނަންގަވައިގެން އެކަމަނާގެ ގެކޮޅަށް ލައިދެއްވަން ވަޑައިގަތް ކަމެވެ. މީގެއިތުރުން، މުސްލިމް މުޖުތަމަޢުގެ ތެރޭގައި އުފެދިދާނެ ތުހުމަތުތަކާއި ނުބައި ހީތަކުން ސަލާމަތްކުރުމަށްޓަކައި، ކަން ހިނގާގޮތް ސާފުކޮށް ބަޔާންކޮށްދިނުމުގެ މުހިންމުކަމެވެ. މި ޙާދިޘާއަކީ ޞަފިއްޔަތުގެފާނަށް ނަބަވީ ގެކޮޅުގައި ލިބިވަޑައިގެންފައިވާ ޚާއްޞަ ޤަދަރާއި މަޤާމު ހާމަކޮށްދޭ ޙާދިޘާއެކެވެ. އަދި އެކަމަނާގެ ރައްކާތެރިކަމަށްޓަކައި ރަސޫލާ صلّى اللّـه عليه وسلّم ބެހެއްޓެވި ސަމާލުކަން ސާބިތުކޮށްދޭ ޙާދިޘާއެކެވެ.
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާއަކީ، ވަރަށް ގެވެހި ބޭކަނބަލެކެވެ. ގެވެހި ދިރުއުޅުއްވުމުގެ ކަންތައްތައް އެކަމަނާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެކަމަނާގެ ކެއްކުމުގެ ހުނަރަށް އެކަމަނާއާ ވާދަކުރައްވާ ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންވެސް ވަނީ ތާރީފު ކުރައްވައިފައެވެ. ސުނަން އަންނަސާއީގައި އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޞައްޙަ ރިވާޔަތެއްގައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.
[ޞަފިއްޔާ ފަދައިން މީރުކޮށް ކާތަކެތި ތައްޔާރުކުރާ އެހެން އެއްވެސް އަންހެނަކު ތިމަންކަމަނާ ދެކެވަޑައެއްނުގަންނަވަމެވެ"
އެއްދުވަހަކު، ޞަފިއްޔަތުގެފާނު ކާއެއްޗެއް ތައްޔާރުކުރައްވައި، މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ހަދިޔާއެއްގެ ގޮތުގައި ފޮނުއްވިއެވެ. އެދުވަހު ނަބިއްޔާ ހުންނެވީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. އެވަގުތު، ޢާއިޝަތުގެފާނުގެ ހިތްޕުޅުގައި އުފެދުނު ޣީރަތްތެރިކަމެއްގެ ބޮޑުކަމުން، އެ ކާއެއްޗެހި ހުރި ތަށި ތަޅާލެއްވިއެވެ. ފަހުން ޢާއިޝަތުގެފާނަށް އެކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އެނގިވަޑައިގެންނެވިއެވެ. އެކަމަނާ ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން އޭގެ ކައްފާރާއަކީ ކޮބައިތޯ ސުވާލުކުރެއްވުމުން ޙަދީޘްކުރެއްވިއެވެ. [އެފަދަ ތައްޓަކަށް ތައްޓެކެވެ. އެފަދަ ކާއެއްޗަކަށް ކާއެއްޗެކެވެ] (އަންނަސާއީ، އ.ނ.، ޙަދީޘް: 3957).