ތިބާގެ މުދަލުން ދިނުމުގައި ދަރިން ތަފާތުނުކުރާށެވެ! ބޭއިންޞާފާ ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ތިބާގެ މުދަލުން ދިނުމުގައި ދަރިން ތަފާތުނުކުރާށެވެ! ބޭއިންޞާފާ ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ!

ތިމާގެ މުދަލުން އެންމެ ޙައްޤުކަން ބޮޑު ބައަކީ އެމީހެއްގެ ދަރިންނެވެ. އަދި މުދައުވާރުތަވާ މީހުންނެވެ. އެހެންކަމާއިއެކުވެސް ހިތްހަމަނުޖެހޭ ނުވަތަ ލޯބިނުވާ ދަރިންނަށް، ނުވަތަ ދަރިއަކު ކުރާ ކަމަކާއިގުޅިގެން ރުޅިއައިސް މުދަލުން ނުދޭން އެބަނިންމައެވެ.  

މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެއް ނޫންކަން މިއާޔަތުންވެސް އެނގިގެންދެއެވެ. މިއާޔަތުގައި އެއްބައަކަށް ބަޔާންކުރައްވަވާފައި އެވަނީ ގާތްތިމާގެ މީހުންގެ ވާހަކައެވެ. ދަރިންނަކީ އަހުރެމެން މިކިޔާ ގާތްތިމާގެ މީޙޫންނަށްވުރެވެސް މުދަލުން ޙައްޤުކަން މާބޮޑު ބައެކެވެ. ވީއިރު ދަރިންނަށް އެހީތެރިނުވުމާއި މުދަލުން ނުދިނުމަކީ ކުރަންހެޔޮވާނެ ކަމެއް ނޫނެވެ.

ހަމައެއާއިއެކު މީސްތަކުންނަށް (ދަރިންނާއި ގާތްތިމާގެ މީހުންވެސް ހިމެނޭ ގޮތަށް) މާފުކޮށް، ހެޔޮކޮށް ހިތައި ދީލަތިވުމަކީ ފާފަތައް ފުއްސަވައި ދެއްވެވުމަށް އޮތް މަގެއްކަންވެސް މިއޮތީ މިއާޔަތުން އެނގޭށެވެ!  

"ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲގެ މަގުގައި ހިޖުރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫ ކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

(އަންނޫރު: 22) 

މިއާޔަތް ﷲ ތަޢާލާ ބާވައިލެއްވެވީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން، ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިކަނބަލުން ޢާއިޝަތުގެފާނާއިމެދު ދޮގު ވާހަކަތައް ފަތުރައި އެކަމަނާގެ އިސްތަށިފުޅުގައި ބޮޑުވެގެންވާ ދޮގުއިލްޒާމްއަޅުވަމުންދިއަ މީހުންގެ ތެރޭގައި ހުރި، އެއިރު އަބޫބަކުރުގެފާނު އެހީތެރިވެވަޑައިގެންދެއްވަވަމުން ގެންދެވި މީހަކަށް އެހީކަނޑުއްވައިލައްވަވާނެކަން ބަޔާންކުރެއްވެވުމުންނެވެ.  

އަހުރެމެންގެ ވިސްނުމުންނަމަ އެފަދަ ނުބައި މީހަކަށް އެހީތެރިވުމެއް ނެތެވެ. ނަމަވެސް އަބޫބަކުރުގެފާނުގެ އެބަސްފުޅަށް ﷲ ތަޢާލާ ރުހިވޮޑިނުގަތީއެވެ. ޖެހިގެން ހުރި އާޔަތްތަކުގައިވަނީ އެފިތުނަ އުފެއްދި މީހުންނަށް ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ވާހަކައެވެ.  

"ހަމަކަށަވަރުން، ޢިއްފަތްތެރި، ޣަފްލަތުތެރި (އެބަހީ: ފާފަކުރުމުގެ ޚިޔާލު ވެސްނެތް) މުއުމިނު އަންހެނުންނަށް ޤަޛްފު ކުރާ މީހުންނަށް، ދުނިޔެއާއި، އާޚިރަތުގައި ލަޢުނަތް ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ."

(އަންނޫރު: 23) 

"އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ."

(އަންނޫރު: 24)

"އެދުވަހުން ﷲ، އެއުރެންނަށް، އެއުރެންގެ ޙައްޤު ޖަޒާ ހަމަޔަށް ދެއްވާނެތެވެ. އަދި ހަމަކަށަވަރުން، ﷲއީ، ބަޔާން ވެގެންވާގޮތުގައި، ހަމަ ޙައްޤުވަންތަ ކަލާނގެކަން އެއުރެންނަށް އެނގޭނެތެވެ."

(އަންނޫރު: 25) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢަދުލުވެރިވާށެވެ! ތިމާގެ މުދަލުން ޙައްޤުވާ މިންވަރު، ޙައްޤުވާ އެންމެންނަށް ދޭށެވެ! އަދި ތަނަވަސްކަންހުރި މިންވަރަކުން މީސްތަކުންނަށް ދީލަތިވާށެވެ! އެކަމަށްޓަކައި އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން