ލޮބުވެތި އެކުވެރިންނޭވެ! ހިނގަހިނގައި ހުރިނަމަ ނިކަން ހުއްޓި ބިންމައްޗަށް ބަލައިލަބަލާށެވެ! ބިންގަނޑު އެބުނާ އެއްޗެއްގެ އަޑު ނިކަން އަހައިބަލާށެވެ! އެބުނަނީ "އަހުރެން މިއިންތިޒާރުކުރަނީ ތިބާއަށެވެ! ހިނގަމުން ދުވަމުން ދިއުމުގެ ބަދަލުގައި ބައަކު ގެނެސް ތިބާގެ ހަށިގަނޑު ވަޅުލާނެ ވަޤުތަކަށެވެ.
ބުނަންހެއްޔެވެ؟ ވަރަށް އަނދިރިކަން ގަދަވާނެއެވެ. ބިޔަ ބޮޑެތި ނިގުލަންދާށިތަކާއި ވިހަގަދަ ހަރުފަތައް ވަރަށް ގިނަވާނެއެވެ. ސަލާމަތްކަމާއިގެން ނައިނަމަ ޢަޛާބުގެ މަލާއިކަތުން ދެއްވަވާ ގަދަފަދަ ޢަޛާބުގެ އަހަން އަހުރެން ބިންގަނޑު)ވެސް ނުކުޅެދިގެންވަމެވެ."
ލޮބުވެތި އެކުވެރިންނޭވެ! އެންމެ ދެރަވާންޖެހޭނެ ވަޤުތަކީ މަރުވުމުގެ ވަޤުތެކެވެ. އެވަޤުތު އުފާކުރެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރި މީހަކަށެވެ. މަރުވުމަށް ތައްޔާރުވެގެން ހުރި މީހަކަށެވެ.
އެހެން މީހުން މަރުވެއްޖެކަމުގެ ވާހަކަ ތިބާއަޑައަހަމުއެވެ. އެކަމަސް ދެރަވެ ހިތާވެސް ކުރަމުއެވެ. އެކަމަކު އެންމެ ފަހަރަކުވެސް ތިމާ މަރުވެދާނެކަމަށް ދެރަވެވޭހެއްޔެވެ؟ ބިރުވެތިވެވޭ ހެއްޔެވެ؟ ދެރަވެ ބިރުވެތިވެވޭނަމަ މަރަށް ތައްޔާރުވާނެއެވެ.
ސޯޝަލް މީޑިއާގައި ތިބާގެ ފޮލޯވަރުންގެ ޢަދަދު އެތައް މިލިއަނަކަށް އަރާފައި އޮތުމަކީ ކައްވަޅު އަލިކޮށްދޭނެ ކަމެއް ނޫނެވެ. ތިބާ ފެތުރީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމުގެ މެސެޖުތައް ކަމަށްވެފައި ތިބާ ޢަމަލުކުރިނަމަ މެނުވީއެވެ. ތިބާގެ ކައްވަޅު އަލިކޮށްދޭނީ ތިބާކުރި ސުޖޫދެވެ. ތިބާކުރި ހެޔޮ ޢަމަލުތަކެވެ.
ތިބާކުޅަ ހެޔޮ ޢަމަލުތަކަށްވުރެ ކުރެވުނު ފާފަތައް މީޒާނުގައި ބުރަވިޔަ ނުދޭށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ތިބާ ގެންދެވުމުގެ ކުރިން އަވަހަށް ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރޭށެވެ. ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން